އަންނަ ޑިސެމްބަރު މަހު ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފްގެ ކައިވެނި އޮތް ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލިވުޑްގެ ބަތަލް ވިކީ ކައުޝަލް އާއި އެެވެ. ދެމީހުން ގުޅުން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ދެމީހުން ލޯބީގެ ގޮތުން 2019 ވަނަ އަހަރު ގުޅިއްޖެ އެވެ.
މިފަހުން މީޑިއާގައި ދެމީހުންގެ ގާތް މީހަކާއި ހަވާލާދީ ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނި ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު އޮންނާނެ ކަމަށެވެ. އަދި މިހާރު ކައިވެނި ހަފްލާ ބާއްވާ ތަނާއި ހެދުން ފައިނަލް ކުރުމުގެ މަސައްކަތްކުރިޔަށް ދާ ކަމަށެވެ.
އެމީހަކު ބުނެފައިވަނީ ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ހެދުން ޑިޒައިން ކުރަނީ މަޝްހޫރު ސަބްޔާސަޗީ ކަމަށެވެ. އޭނާ ވަނީ ކެޓްރީނާ ކައިވެނީގައި ލާ ހެދުމުގެ ފޮއްޗާއި ކުލައަށް ދަންދެން މީޑިއާގައި ހާމަކޮށްފަ އެވެ.
އެކަމަކު އެވާހަކަތައް ކެޓްރީނާ ވަނީ ދޮގުކޮށްފަ އެވެ. މީގެ ކުރިން ވިކީއާ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް ސުވާލު ކުރިޔަށް ޖަވާބު ނުދޭ ކެޓްރީނާގެ ކައިވެންޏާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އޭނާ ބުނީ ކައިވެނީގެ ތާރީހާއި އިތުރު މައުލޫމާތުތައް ކަމަށްބުނެ ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އޭނާ ބުނީ އެވާހަކަތައް ފެށެން ޖެހުނު ގޮތް ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ ކައިވެނި ކުރަނީއޭ މީހުން ކިޔާތާ މިހާރު 15 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް