ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭނާ މި މައްސަލަ ހުށަހެޅުއްވީ މިމަހުގެ ތެރޭގައި ގަލޮޅު ސްކޫލްގައި ކިޔަވާ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެތަނުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގަ އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ވަނީ ގަލޮޅު ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވިއިރު އެ ކަމުގައި ސްކޫލުން ފިޔަވަޅުތައް އެޅި ގޮތް ޒިންމާދާރުކަން ކުޑަކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ޝިޔާމް ވިދާޅުވީ މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު އަދި ޖެންޑާ މިނިސްޓަރު ވެސް ފިޔަވަޅުތައް އެޅުމާއި އަދި ނިންމަން ޖެހޭ ނިންމުންތައް ނިންމުން ވަރަށް ލަސް ކަމަށެވެ.
ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސްކޫލުން ފުރިހަމައަށް ނަގަން ޖެހޭ ވަގުތަކަށް ވިޔަސް، އެ ސްކޫލުގައި ދަރިވަރާ ހަވާލުވި ޓީޗަރަށް ވެސް ދަރިވަރު ހަވާލުކުރެވެނީ ކާކާކަން ވެސް ނޭގޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްކޫލުން ކަން ހިނގާ ދިޔަ ގޮތް ބެލޭނެ ކެމެރާއެއް ވެސް ނެތި، މިކަމުގެ ޒިންމާ އިން ރެކެން މެނޭޖްމަންޓުން މަސައްކަތްކޮށްފައިވާ ކަމަށްވިދާޅުވެފައިވެ އެވެ.
މިފަދަ މުހިއްމު މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެއްސުން މުހިއްމު ނަމަވެސް އެކަން ވެސް ކުރެވުނީ ލަހުން ކަން ވެސް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓް ހެދުން ލަސްވުމަކީ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއް ކަން ޝިޔާމް ފާހަގަ ކުރައްވާފައިވެ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ މި މައްސަލައިގެ ފުރިހަމެއް ތަހުގީގެއް ހިންގުމަށާއި، އެ ކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާ ފަދަ ގޮތަކަށް ސްކޫލްތަކުގެ ނިޒާމު ހަރުދަނާކޮށް، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރަންށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް