އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ޓޮޓެންހަމް ގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.
ޔުނައިޓެޑުން ހޯދި މި މުހިންމު މޮޅާއި އެކު އެޓީމުގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ އަށް މަގާމުގައި އިތުރަށް ދެމިހުރުމުގެ އުންމީދުތައް ވަނީ ވަރަށް ބޮޑަށް އާވެފައެވެ. ޔުނައިޓެޑް އަދި ޓޮޓެންހަމް މެޗަކީ ސޮލްށެއަރ އަށް މަގާމު ދިފާއުކުރުމަށް ލިބުނު ފަހު ފުރުސަތެވެ. ނަމަވެސް މި މެޗު ކާމިޔާބު ކުރުމުން އޭނާއަށް ކުރިޔަށް އޮތް ދެމެޗަށް މަގާމުގައި ދެމި ހުރެވޭނެ ކަމަށް ޔުނައިޓެޑާއި ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.
ރޭގެ މެޗުން ޔުނައިޓެޑް މޮޅުވެ، ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އޮތް ޕްރެޝަރަށް ބޮޑު ލުޔެއް ލިބުނުއިރު، މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ލަދުވެދި ގޮތަކަށް ވާދަވެރި ލިވަޕޫލް އަތުން 5-0 އިން ބަލިވުމުން ސޯލްޝެއާ އަށް ވަނީ ގިނަ ފާޑުކިޔުން ތަކެއް އަމާޒުވެފައެވެ. އެގޮތުން މަގާމުން ވެސް ވަކިކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެ ކުލަބުން ނިންމީ ސޯލްޝެއަރ އަށް އިތުރު ފުރުސަތެއް ދޭށެެވެ. އެއީ ރޭ ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗެވެ. ރޭ ގެ މެޗުން ޔުނައިޠެޑް ބަލިވި ނަމަ އޭނާގެ މަގާމު ގެއްލޭނެ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.
ރޭގެ މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ގެން ދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިން ލަނޑު ކާމިޔާބުކުރީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު ރޮނާލްޑޯ ޖެހީ ބްރޫނޯ ފެނާންޑޭސް މަތިން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އެއް މަޑުވެސް ކޮށްނުކާ އައި ބާރު މިނުގައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޔުނައިޓެޑު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ދެވަނަ ގޯލެއް ވެސް ޖަހައިދީފައެވެ. ނަމަވެސް ރޮނާލްޑޯ ޖެހި މި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެ ގޮތަށް ނިންމީ ވީއޭއާރް އިން ބަލައި ޔަގީންކުރުމަށް ފަހު އެވެ.
ޔުނައިޓެޑުން މެޗުގެ 64 ވަނަ މިނިޓްގަ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު ރޮނާލްޑޯގެ އެހީތެރިކަމާއި އެކު ޖަހައިދިނީ އެޑިންސަން ކަވާނީއެވެ.
ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ނަމަންޏާ މަޓިޗްގެ އެހީތެރިކަމާއި އެކު މާކަސް ރެޝްފޯޑްއެވެ.
ރޭގެ މޮޅާއި އެކު ޔުނައިޓެޑް އޮތީ ކުޅުނު 10 މެޗުން 17 ޕޮއިންޓް ހޯދައި ލީގުގެ ފަސް ވަނައިގަ އެވެ. ޓޮޓެންހަމަށް 10 މެޗުން 15 ޕޮއިިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް