އިޓާލިއަން ލީގުގައި ޔުވެންޓަރސް ރޭ ކުޅުނު މެޗުގައި ޖެނޯއާ ބައްދަލުކުރި މެޗު 1-1 ން އެއްވަރުވާން ދަނިކޮށް ރޮނާލްޑޯ ޖަހައިދިން ލަނޑުން ޔުވެންޓަސް ސަލާމަތްކޮށްދީފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ ލިއަނާޑޯ ބޮނޫޗީ އެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުއާމީ ވަނީ ޖެނޯއާއަށް ލަނޑުޖަހައިދީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޖެނޯއާގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުގެ ސަބަބުން އެޓީމަށް މައްސަލަތަކެއް ކުރިމަތިވި އިރު، މެޗުގެ 87 ވަނަ މިނެޓުގައި ޔުވެންޓަސްގެ ރަބިއޯ އަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.
މި މެޗުން މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ލީގުގައި 10 މެޗު ކުޅެ ނިމުނުއިރު މެޗަކުން ޔުވެންޓަސް ބަލިވެފައިނުވާ އިރު، 8 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި ދެ މެޗު ވަނީ އެއްވަރުވެފައެވެ.
ރޭގެ މި މޮޅާއެކު 26 ޕޮއިންޓާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގާ 25 ޕޮއިންޓާ އެކު އޮތީ އިންޓަރމިލާނެވެ. އަދި 21 ޕޮއިންޓާއެކު ތިންވަނައިގާ އޮތީ އެޓަލާންޓާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް