ކުރީގެ އަދަދާ ގުޅޭ...
"އަހަރުން ހަތަރު މީހުން އެގޭތެރޭގަ އެރޭ ރޭޕްކުރި އަންހެން ކުއްޖާ އެއީ... ޝައިލާ ޔާސިރު" ކަރުގެ ނާރުތައް ފުއްޕާލަމުން ސިމައްޓެ ބުނެލިއެވެ.
ނަޒާންގެ ހިތް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނު ކަހަލައެވެ. ފެންކަޅިވެފައިވާ ދެލޮލުން ތިން މީހުންގެ މޫނަށް ބަލައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހެލިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެޝައްކު އޭނާ ކުރެއެވެ. ނަމަވެސް އެކަން ޔަގީން ކުރަން ބޭނުން ނުވީއެވެ. ކިތަންމެ ގޮތަކުން އެކަން ޔަގީން ކުރެވެން އޮތެވެ. ނަމަވެސް އެޝައްކު ހަގީގަތަކަށް ވެދާނެކަމުގެ ބިރަށް އޭނާ އެކަން ހަނދާން ނައްތައިލީ އެވެ.
"އަޑު އަހަން ފަސޭހައެއް ނޫން ދޯ؟ އެމަންޖެއަށް އެކަން އެނގިއްޖިއްޔާ ދެން ކިހިނެއް ވާނީ؟" ނަޒާން ކުރިމަތީގައި ހުއްޓިލަމުން ހަމްދާން އަހައިލިއެވެ. އެއަޑުގައި ވަނީ މަލާމާތުގެ ރާގެވެ.
"ނަޒޭ އަދިވެސް ވަގުތު ފާއިތެއް ނުވޭ... އެމަންޖެ ނުގެއްލެނިސް ބުނޭ އަހަރުންނާ އެކީއޭ އުޅޭނީ..." ހަމްދާން ދުރުކޮށްލަމުން ސިމައްޓެ ބުނެލިއެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔައީ އާދޭހުގެ ރާގެވެ. ހަޔާތުގައި ކިތަންމެ ނުބައި ކަމެއް ކުރިނަމަވެސް ސިމައްޓެ އަކީ ރައްޓެހިންނަށް "މަރުދޭ" މީހެކެވެ. ރައްޓެހިންނަށްޓަކައި އަމިއްލަ ފުރާނަވެސް ދުއްވައިލަން އޭނާ ހުންނާނީ ތައްޔާރަށެވެ.
"އަހަރެންނަށް ހެޔޮ އެދެންޏާ އަހަރެން ދިޔަދީ..." ކުރަކި އަޑަކުން ނަޒާން ބުނެލިއެވެ. އަދި ފަހުފަހަރަށް އެމީހުންގެ މޫނުތަކަށް ބަލައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
"މަ ބުނީމެއްނު އެންމެ ފުރަތަމަވެސް އޭނަ އެހެންނޭ ހަދާނީ... ސިމައްޓެ ކައެގެ ކަންތަކޭ... އެދުވަހު އެގޮލާވެސް ބައްދާލާފަ އަހަރުންނާ އެކީ ގެންދިޔަނަމަ..." އަތުގައި ގޮތް ސިނގިރޭޓު ފިލްޓަރުބުރި މުށިތަކުމައްޗަށް ހޫރައިލަމުން އިމާދު ބުނެލިއެވެ. އަދި އޭނާވެސް އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. ހަމްދާން ވެސް ސިމައްޓެގެ މޫނަށް ބަލައިލުމަށްފަހު އެތަނުން ނިކުމެގެން ދިޔައީ އެވެ.
***
ލޯގަނޑު ކުރިމަތީގައި ޝައިލާ ހުރީ ބޮލުގައި ފުނާ އަޅާށެވެ. ރަތް ކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރިއިރު އެކުލަ އޭނާ އާއި ވަރަށް ގުޅެއެވެ. ތިރިން ލައިގެން ހުރީ ކަނޑުނޫކުލައިގެ ބާރު ޖިންސެކެވެ. ފަހަތަށް އިސްތަށިގަނޑު އެއްސުމަށްފަހު ތުންފަތުގައި ހަންގަނޑާ ގުޅޭ ކުލައެއްގެ ލިޕްސްޓިކެއް ޖައްސައިލިއެވެ.
"ޝައި މާ ރީތި ވެލައިގެން ކޮންތާކަށް ދާން؟" އެތެރެއަށް ވަދެގެން އައި ސަމާހް އަހައިލިއެވެ. ސަމާހް ހުއްޓުނު ވަގުތު ޝައިލާ އުޅުނީ ސެންޓު ޖަހާށެވެ.
"މިއުޅެނީ ރައްޓެހި ކުއްޖަކާ އެކީ ބޭރަށް ގޮސްލަން" ހީލަމުން ޝައިލާ ބުނެލިއެވެ.
"ކޮން ރައްޓިއްސެއް؟ ދޮންބެއަށް ނޭންގޭ އެކުވެރިއެއް ހުންނަނީތަ؟" ދެބުމަ ކައިރިކޮށްލަމުން ސަމާހް އަހައިލިއެވެ.
މިހާރަކަށް އައިސް ޝައިލާގެ އުޅުން ވަނީ ވަރަށް ބަދަލުވެފައެވެ. އެކަހެރިކޮށް އުޅުނު ނަމަވެސް އިންނަނީ އަބަދުވެސް ހިނިތުންވެފައެވެ. ފޯނުގައި ހުރެ ހީހީފައި މީހަކާ ވާހަކަ ދައްކާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. ހެވިފައި ފޯނަށް ބަލަން އިންދައިވެސް އެތައް ދުވަހަކު ސަމާހަށް ފެނެއްޖެ އެވެ.
"ނޫނޭ... އެއީ ވަރަށް ޚާއްސަ ރައްޓިއްސެއް... ވަރަށް އަވަހަށް މީޓް ކޮށްދޭނަން އިނގޭ" ސަމާހްގެ މޫނަށް ބަލައިލަމުން ޝައިލާ ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތެވެ.
ގޭގެ ދޮރާށިން ބޭރަށް ޝައިލާ އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ ގެއަށް ވަންނަން އައި ޖުމާ ފެނުމުންނެވެ. އެސޫރަ ފެނުމުން ނަފްރަތުގެ ހުޅުކޮޅެއް ހިތުގައި ރޯވިއެވެ. ޖުމާ އައިސް ޝައިލާގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
"ހެއި ޝައި... ކިހިނެއް؟" ޝައިލާގެ އަތުގައި ހިފައިލަމުން ޖުމާ އަހައިލިއެވެ. އެހިނިތުންވުން ފެނުމުން ޝައިލާގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު ބޮޑުވި ކަހަލައެވެ. ހިތް ފަޅައިގެންދާން އުޅޭކަމުގެ އިހުސާސެއް ވާންފެށުމުން ރަގަޅޭ ބުނުމަށްފަހު ދާން ހިނގައިގަތެވެ.
ޝައިލާގެ އެއާދަޔާ ހިލާފު މިޒާޖުން ޖުމާ ކުޑަކޮށް ހައިރާންވި އެވެ. އަދި ޝައިލާ ހިނގާފައި ބޭރަށް ދިޔަ ދިމާލަށް ބަލައިލުމަށްފަހު ކޮނޑު އަރުވައިލިއެވެ.
"ކީއްވެތަ މިރޭ އެހާ ލަސްވަނީ؟ ޝައި މިއިނީ ޖޭމު ގަސް ކައިރީ" މެސެޖެއް ލިޔެލުމަށްފަހު ނަޒާންގެ ފޯނަށް ފޮނުވައިލިއެވެ.
ޝައިލާ އެތަނުގައި އިންނަތާ ފަނަރަ މިނެޓު ފަހުން ނަޒާން އައިސް ސައިކަލު މަޑުކޮށްލިއެވެ. ނަޒާން ފެނުމުން ޝައިލާ މޫނު އަނބުރައިލިއެވެ. ރުޅިއަންނަ ކަމަށް ހެދިފައި ތުންކޮޅު އޫކޮށްލި މަންޒަރު ފެނިފައި ނަޒާނަށް ވެސް މަޖާވި އެވެ. ނަމަވެސް އެމޫނުން އެއްވެސްކަހަލަ އަސަރެއް ފާޅެއްނުވެއެވެ.
"ދެން ރިޕްލައިކޮށްލި ނަމަ" ޝަކުވާ ކުރަމުން ގޮސް ނަޒާންގެ ސައިކަލު ފަހަތަށް އަރައި ޝައިލާ ހަމަޖެހިލިއެވެ. ދުއްވަމުންދިޔައިރު ޝައިލާ ދައްކަމުންދިޔައީ ސަމާހްގެ ކައިވެނީގެ ވާހަކަ އެވެ. އެޕާޓީ އަށް ނަޒާން ކޮންމެހެން ވެސް އަންނަން ވާނެއޭ ޝައިލާ ބުންޏެވެ. ނަމަވެސް ނަޒާންގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ.
"ޒާން އަންނާނަން ދޯ؟ އެރޭ ޝައި ބޭނުން ދޮންބެއަށް ޒާން އިންޓްރޮޑިއުސް ކޮށްދެން" ނަޒާންގެ ކޮނޑުގައި ޖަހައިލަމުން ޝައިލާ ބުނެލިއެވެ. ބޯ ޖަހައިލުން ފިޔަވައި ނަޒާން ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ.
ނަޒާން ގޮސް ސައިކަލު މަޑުކޮށްލީ އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގަ އެވެ. އޭނާ ބައްޕަ މިވަގުތު މާލޭގައި ނެތުމުން އޭނާ ބޭނުންވީ ހިމޭން މާހައުލަކަށް މިރޭ ޝައިލާ ގެންދާށެވެ. ސަމީރުވީ ނުހާގެ މައިންބަފައިން ގޮވައިގެން އެރަށަށް ގޮހެވެ. އޭނާގެ ކޮޓަރި ނޫން އިތުރު ހިމޭން މާހައުލެއް މިމާލެއިން އޭނާ އަކަށް ނޭންގެއެވެ.
"މީ ކޮންތަނެއް؟" ނަޒާން ދިރިއުޅޭ ގެއަށް ބަލައިލަމުން ޝައިލާ އަހައިލިއެވެ.
"މައި ހޯމް" ކުރަކި އަޑަކުން ނަޒާން ބުނެލިއެވެ. އަދި ކުރީގައި ހުރެ ދާން ހިނގައިގަތެވެ. ޝައިލާވެސް ޖެހިލުންވެހުރެ ނަޒާންގެ ފަހަތުން ހިނގައިގަތެވެ. ގޭތެރެއަށް ވަތްއިރު އެންމެ ފުރަތަމަ ދިމާވީ ސޯފާގައި ޓީވީ ބަލަން އިން ނާޒިމާ އެވެ. ނަޒާންގެ ފަހަތުން މާރީތި އަންހެން ކުއްޖަކު އައިސް ހުއްޓުމުން ރިމޯޓު ބޭއްވުމަށްފަހު ނާޒިމާ ކޮޅަށް ތެދުވިއެވެ.
"މަންމާ މީ ޝައި..." ނާޒިމާ ބަލަންހުރި ގޮތުން ނަޒާން އަވަހަށް ބުނެލިއެވެ.
"ކިހިނެއްތަ ޝައި؟" ޝައިލާގެ މޫނަށް ބަލައިލުމަށްފަހު މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ގެނުވަމުން ނާޒިމާ އަހައިލިއެވެ. ޝައިލާ ވެސް ރަގަޅޭ ބުނެލީ ހިނިތުންވުމަކާ އެކީއެވެ.
މަންމަ ސޯފާގައި އިނުމުން ޝައިލާ ގޮވައިގެން ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. ގޭގައި އެހެން މީހުން ވެސް އުޅޭތީ އިތުރު ޝައްކުތަކެއް ކޮށްފާނެ ކަމަށް ނަޒާން ހިނގައިގަތީ ޓެރަސް އަށެވެ. ޝައިލާ ވެސް ނަޒާންގެ ފަހަތުން ސިޑިން އަރައިގެން ދިޔައެވެ.
ނަޒާން ގޮސް މަޑުކޮށްލީ ޓެރެސްގެ ރެއިލިންގ ކައިރީއެވެ. ޝައިލާވެސް ނަޒާން ކައިރީ މަޑުކޮށްލުމަށްފަހު މަގުމައްޗަށް ބަލަން ފެށިއެވެ. އެތަން އަނދިރިކަމުން ނަޒާން ގޮސް ބޮކި ދިއްލައިލުމުން ރަން ރީންދޫ ކުލައިން މާހައުލު އަލިކޮށްލިއެވެ. ބޮކީގެ އަލިން ޝައިލާގެ މޫނު ވިދަމުން ދިޔައެވެ. އެމޫނު މަތީގައިވި ފަނޑު ހިނިތުންވުން ފެނުމުން ނަޒާންގެ ހިތަށް އެތައް އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ނަޒާންގެ ހަގީގަތް އިނގޭ ދުވަހު އެމޫނުމަތިން ދުވަހަކުވެސް ހިނިތުންވުމެއް ފެންނާނެ ހެއްޔެވެ؟
"ޝައި؟" މަގުމައްޗަށް ގެއްލިހުސްވެފައި ހުރި ޝައިލާގެ ނަމުން ނަޒާން ގޮވައިލިއެވެ. އެއަޑަށް ޝައިލާ ދިޔައީ ސިއްސައިގެންނެވެ. ނަޒާންގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވި ގޮތުން އެކަނިވެސް ނަޒާންގެ ހިތް ފުރިގެން ދިޔައެވެ. އެރޭގެ މަތިން ހަނދާންވުމުން އަނެއްކާވެސް ނަޒާންގެ ހިތަށް ގޮތްތަކެއް ވާން ފަށައިފިއެވެ.
"ޒާން ކީއްވެ ގެއަށް ގެނައީ؟" ޝައިލާގެ މިއުޒިކީ އަޑުން އަހައިލިއެވެ.
ޝައިލާގެ މޫނަށް ބަލަންހުރެ ނަޒާން މަޑުމަޑުން ޖީބުން ވޮލެޓު ނެގިއެވެ. އަދި ހުޅުވައިލުމަށްފަހު އޭގެތެރެއިން އެއްކަލަ ކެވެލިކޮޅު ނެގިއެވެ. ހަމަ ފެނުމާއި އެކީ ޝައިލާ ދިޔައީ ސިއްސައިގެންނެވެ.
"މީ ޝައިގެ ކެވެލިކޮޅު" ނަޒާންގެ އަތުން ޖަހައިގަންނަމުން ޝައިލާ ބުނެލިއެވެ. ދަތްތައް ދައްކައިލަމުން ޝައިލާ ހިނިތުންވެލިއެވެ. އަދި ކެވެލިކޮޅަށް ބަލައިލައިލުމަށްފަހު ނަޒާންގެ މޫނަށް ބަލައިލިއެވެ.
"ކޮންތާކުން ޒާންއަށް މި ކެވެލިކޮޅު ފެނުނީ؟" ނަޒާންގެ މޫނަށް ބަލައިލަމުން ސުވާލުގެ ނަޒަރަކުން ޝައިލާ އަހައިލިއެވެ.
"ފުރަތަމަ ބުނެބަ ޔަގީންތަ މީ ޝައިގެ އެއްޗެއްކަން؟" ނަޒާން ވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.
"ޔަގީނޭ... ބަލާބަ މީނީނު އެސް އަކުރު ކައިރީ ޑައިމަންޑެއް ރެޑްކުލައިގެ.... ސުމްގެ އިންނާނީ ފެހި ކުލައިގެ ޑައިމަންޑެއް" ކެވެލިކޮޅު ކައިރީ އިން ރަތްކުލައިގެ އެސް ދައްކައިލަމުން ޔަގީންކަމާއި އެކު ޝައިލާ ބުނެލިއެވެ. ނަޒާންގެ މޭގައި ރިއްސައިލިއެވެ. އަދި ޝައިލާގެ މޫނަށް ބަލައިލުމަށްފަހު ދުރަށް ބަލަން ފެށިއެވެ.
"ސަމްތިންގ ހެޕެންޑް އެންޑް ޝައި އަތުން ގެއްލުނީ..." ޝައިލާ ބުނެލި އަޑު އިވުނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް