ރަށުގައި ދަރިންނަށް ރަނގަޅު ތައުލީމެއް އަދިވެސް ނުލިބެއެވެ. އަނބިދަރިންނަށް ބޮޑު ބައްޔެއް ވެއްޖިއްޔާ ފޮނުވަން ޖެހެނީ މާލެއަށެވެ. އެހިސާބުން އެތައް ރުފިޔާއެއް އަތުން ދެއެވެ. އެހާ ހިސާބުން އާއްމު ރައްޔިތުން މީހާއަށް އަމިއްލަ ވަޒަން ދޫކޮށް ތަނެއް ކުއްޔަށް ނަގައިގެން ދިރިއުޅުން މާލެއަށް ބަދަލުކުރަން ޖެހެއެވެ. މުސާރައިގެ ގޮތުގައި ލިބިގެން ދަނީ 15،000 ރުފިޔާއެވެ. އެވަރުން ނުފުދޭތީ ރެއާ ދުވާލު ތަފާތު އެކި މަސައްކަތް ކޮށްގެން މުޅި ޖުމްލަ އާމްދަނީ ކިރިޔާ 40،000 ރުފިޔާއިން މައްޗަށް އަރަނީއެވެ. އެވަރުން ގޭގެ ކުއްޔާއި ކަރަންޓާއި ފެނާއި ކެއުމުގެ ހަރަދުތައް ނިންމާލެވެނީއެވެ. އަނބިދަރިންނަށް އަންނައުނެއް ގަނެލެވޭ ވަރު ވަނީވެސް ހަމަ ކިރިޔާއެވެ. މިވަރުން އިތުރު ތަނަކަށް ފައިސާއެއް ދައްކާނީ ކިހިނެއް ހެއްޔެވެ. މިއުޅެނީ ފަހަށް ރައްކާ ކުރާނެ ފައިސާ ފޮއްޗެއް ނުލިބިގެންނެވެ.
އަބަދުވެސް އަހަރެމެން ދައްކަމެވެ. އިންކަމް ޓެކްސް ނުނަގަން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އަބަދުވެސް އަޑު އިވެނީ ހަރަދުތައް ދެކޮޅު ނުޖެއްސޭ ވާހަކައެވެ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ދައުލަތުގައި އެ ފުދުންތެރިކަން ނެތް ވާހަކައެވެ. ތަފާތު އެކި ނަންނަމުގައި ޓެކްސް ނަގައިގެން ވެސް ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސެނީ ކިރިޔާއެވެ. އެންމެފަހުން މި ސަރުކާރުން އަހަރެމެން ރައްޔިތުން މިއޮށް ހުރިހާ ދުވަހު ދައްކަމުން ދިޔަ އިންކަމް ޓެކްސް ނަގަން މަސައްކަތް ފަށައިފިއެވެ. މަޖިލީހަށް ބިލުވެސް ވައްދައިފިއެވެ. އެކަމަކު ހިތާމައިގެ ކޮޅެއް ނެތެވެ. ބިލުގައި އަހަރެމެން ނިކަމެތި ރައްޔިތުން އަތުން ޓެކްސް ނަގަން ވެސް ވަނީ ހިމަނާފައެވެ. ކުރިން ދެންނެވި ފަދައިން 40،000 ރުފިޔާއިން މައްޗަށް އާމްދަނީ އާއްމު ރައްޔިތުން މީހާ އަރުވަނީ ހާދަހާ ދަލެއް އޮހުރުވައިގެންނެވެ. ނަމަވެސް ސަރުކާރުން ބިލުގައި ހިމަނާފައިވާ ގޮތުގައި، 40،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ އާއްމުންގެ އަތުން ވެސް ޓެކްސް ނަގަން ވަނީ ހިމަނާފައެވެ.
އާމްދަނީން ޓެކްސްނެގުމުގެ މަފްހޫމަކީ ދައުލަތުގައި އިޖުތިމާއީ ރައްކާތެރިކަމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ތެރެއިން އަންނަ ކަމެކެވެ. އެއީ ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުން ރައްޔިތުންނަށް، ނޫނީ ވަކިވަކި ފަރުދުންނަށް ފޯރުކޮށްދީފައިވާ ފުރުސަތުތަކުގެ ތެރެއިން އާމްދަނީއާއި މަންފާ ހޯދާފައިވާ ފަރާތްތަކުގެ އަތުން، އެންމެ ބޮޑަށް އޭގެ މަންފާކުރާ ފަރާތްތަކުގެ އަތުން އެއްޗެއް ނަގައި ފޯރުންތެރިކަން ނެތް މީހުންނަށް އޭގެ ކޮންމެވެސް މަންފާއެއް ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އޮންނަ ނިޒާމެކެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައިވެސް މި ދެންނެވި ގޮތާއި ހިލާފަށް ނިކަމެތި ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ގައުމު އާރާސްތު ކުރާކަށް ނޫޅެވެ. ހާއްސަކޮށް އިންކަމް ޓެކުހެވެ. މިހާރުވެސް ދިވެހި ރައްޔިތުން ދައުލަތަށް ޓެކްސް ދައްކައެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ މިހާރު ބިލު އޮތް ގޮތުން އޭނާ ކަންބޮޑުވާ ކަމަށެވެ. ސަބަބަކީ އެމްޑީޕީން ވައުދުވި ގޮތާއި ހިލާފަށް ބިލުގައި އަދަދުތައް ހުރުމުންނެވެ. ހާއްސަކޮން އިންކަމް ޓެކްސް ނަގަން ފަށާ އަދަދަކީ 40،000 ރުފިޔާ ކަމަށް އޮތުމަކީ މީކާއިލް ކަންބޮޑުވާ ކަމެކެވެ.
"އަޅުގަނޑު ހަމަ އެއްވެސް ހާލަތެއްގައި ގަބޫލެއް ނުކުރަން ޑިވިޑެންޑަ ކީ ޓެކްސް އުނި ވާންޖެހޭ އެއް ޗެއް ކަމަކަށް. ސަބަބަކީ، ޑިވިޑެންޑުން ޓެކްސް ނުނަގަންޖެހޭ ކަމަށް ވަކާލާތުކުރައްވާ ފަރާތްތަކުން ވިދާޅުވަނީ ، އެއީ ޑަބަލް ޓެކްސޭޝަނަށް މަގުފަހިވާ ކަމެއް ކަމަށް. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިިނގިރޭސިވިލާތާއި އަދި ޔޫ.އެސް ފަދަ ތަންތަނުގައި ވެސް ހަމަ ޑިވިޑެންޑުން ޓެކްސް ނަގަމުން އެ ގެންދަނީ. އެއީ ކުންފުނިތަކަކީ ވަކި ގާނޫނީ ޝަހުސެއް. ކުންފުނިތަކަކީ ވަކި ހައްގުތަކަކާއި ޒިންމާތަކަކާ އޭގެ މައްޗަށް ލިބިގެންވާ، ވަކި ތަފާތު ގާނޫނީ ޝަހުސެއް. އަދި ފަރުދުންނަކީ ވަކި ތަފާތު ގާނޫނީ ޝަހުސެއް،" މީކާއިލް ވިދާޅުވިއެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ބިލުގައި މިހާރު 40،000 ރުފިޔާ އޮތް ނަމަވެސް ކޮމެޓީ މަރުހަލާގައި އެބަޔަށް ބަދަލު ގެނެސް، 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ހިމަނާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ ވަރަށް ބޮޑަށް ފަރުމާ ކުރެވިގެން ކަމަށެވެ. އޭނާ ވިދާޅުވީ އިންކަމް ޓެކްސްގެ ސަބަބުން ގިނަ ބަޔަކަށް ލުއިތަކެއް ވެސް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް މީގެން ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެގޮތުން، މިހާރު އެ ބޭފުޅުން ޓެކްސް ދައްކަން މި ޖެހެނީ ފަސް ލައްކަ ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ކަމަށް ވާނަމަ. ނޫނީ ފައިދާ ލިބޭ ކަމަށް ވާނަމަ. އެކަމަކު މިހާރު މި ހުށަހެޅިފައި އޮތް އިންކަމް ޓެކްސްގެ ސަބަބުން ބިލުގެ ސަބަބުން އެ ބޭފުޅުންނަށް ވެސް ހަތް ލައްކަ ވިހި ހާސް ރުފިޔާއަށް، އަހަރަކަށް ހަތް ލައްކަ ވިހި ހާސް ރުފިޔާއާ ހަމައަށް ޓެކްސެއް، އެއްވެސް ޓެކްސެ އް ދައްކަންނުޖެހޭނެ. އޭގެ މަތިން ލިބޭ އެއްޗަކަށް ޓެކްސް ދައްކަންޖެހޭނީ. ޓެކްސް ދައްކަންޖެހޭއިރު، މިހާރު އެ ބޭފުޅުން ދައްކާ ރޭޓު %15 އަށްވުރެ ބޮޑުތަނުން ކުޑަވެގެން އަންނާނެ،" ޔައުގޫބު ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވިގެންދާއިރު ގައުމުގެ ހާލަތަށް ބަލާލަން ޖެހޭ ކަމަށެވެ. ޓެކްސްގެ ނިޒާމު ވަށާޖެހޭނީ އާމްދަނީން ޓެކްސް ނެގުމުން ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ނަގަން ޖެހޭނީ އިގްތިސޯދީ ހާލަތާއި، ގައުމުގައި ފުދުންތެރިކަން އޮތްވަރާއި، ގައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ.
އޮންނަ ސަރުކާރަކަށް ހަމައެކަނި ރައްޔިތުން އަތުން ޓެކްސްނަގައިގެން ދައުލަތް ހިންގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވަންޏާ އެއީ ވަރަށް ދެރަ މައްސަލައެއް. ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހ ދާ އާމްދަނީކޮޅުން މުޅި ގައުމު ހިންގަން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް. ސަރުކާރަކަށް އެބަ އެނގެންޖެހޭ އާމްދަނީ ދައުލަތަށް އިތުރުކުރެވޭނެ އެހެން ގޮތްގޮތް ހޯދަން. އެހެން ގޮތްގޮތް ހޯދަން ނޭގުމަކީ އެއި ރައްޔިތުން ފެލަން އޮތް މަގެއް ކަމު ގައި ހަދައިގެން އެގޮތަށް މަސައްކަތް ކުރެއްވުމަކީ، އެއީ މި ސަރުކާރުގެ ވަރަށް ބޮޑު ފެއިލިއަރއެއް އަޅުގަނޑުމެންނަށް ފެންނަން އޮތް،" ޝިޔާމް ވިދާޅުވިއެވެ.
ކޮންމެއަކަސް އާމްދަނީން ޓެކްސް ނަގާކަށް ދިވެހި ރައްޔިތުން އެއްވެސް އިރެއްގައި ނުރުހިފައެއް ނެތެވެ. ރައްޔިތުން ބޭނުން ވަނީ ގައުމު ކުރިއަރުވާ ގައުމު ތަރައްގީ ކުރުމަށެވެ. ލިބޭ ކުޑަ ކުޑަ އާމްދަނީން ވެސް ދިވެހި ރައްޔިތުން އަންނަނީ ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ޓެކްސް ދައްކަމުންނެވެ. އެހެންނަމަވެސް ލިބޭ ކުޑަކުޑަ އާމްދަނީން ޓެކްސް ނަގާކަށް އެ ރައްޔިތުން ނުރުހޭނެކަން ކަށަވަރެވެ. އަނގަޔާއި އަތާއި ދިމާ ނުވެގެން އުޅޭއިރު ފަހަށް ރައްކާ ކުރާނެ ފައިސާ ފޮއްޗެއް ނެތް ރައްޔިތުންގެ އަތުން ޓެކްސް ނަގަން ސަރުކާރުން އުޅުމަކީ ސަރުކާރުން ކުރާނެ "ކަނޑުކޮސް" ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް