އިރާގުގެ ސަރުކާރާއި ދެކޮޅަށް ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް އާ ފެށުމަކުން މި މަހުގެ 24 އިން ފެށިގެން ކުރިއަށްދާއިރު މި މުޒާހަރާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިރާގުގެ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނެފައިވާގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވަނީ ކަރުނަ ގޭހުގެ އަސަރުކޮށްގެންނެވެ. އަދި ސިފައިން އުކާ ކަރުނަ ގޭސް ކެނިސްޓަރ އިން ޖެހި ލިބޭ އަނިޔާގެ ސަބުންނާއި ބަޑީގެ ވަޒަން އަމާޒުވެގެން މަރުވި މީހުންވެސް ހިމެނޭ ކަމަށެވެ.
މަރުވެފައިވާ މީހުންގެ އަދަދު 100 އަރާފައިވާކަން ހާމަކުރި ނަމަވެސް މަރުވީ ކޮން ސަރަހައްދަކުން ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިރާގުގެ މުޒާހަރާތައް އަދިވެސް ވަރުގަދައަށް ކުރަމުން އަންނަ އިރު މި ހަމަނުޖެހުންތަކަކީ އެމެރިކާ އަދި އަރަބި ބައެއް ގައުމުތަކުން އަޑީގައި ތިބެގެން ހިންގަމުން އަންނަ ޖަރީމާއެއް ކަމުގައި އިރާނުން ވަނީ ތުހުމަތުކޮށްފައެވެ.
ސިލްސިލާ މުޒާހަރާތައް މެދުނުކެނޑި ކުރިއަށްދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އިޖާބަ ދެއްވާނެ ކަމުގައި އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވަނީ ވިދާޅުވެފައެވެ. އަދި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށާއި އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ފަށާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް