ބަގްދާދީ މަރާލި އޮޕަރޭޝަންގެ ވީޑިއޯ އާންމުކޮށްފި

އައިއެސް ޖަމާއަތުގެ އެންމެ އިސް ލީޑަރު އަބޫ ބަކްރް އަލް-ބަގްދާދީ އަތުލައިގަންނަން އެމެރިކާއިން އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ބައެއް ވީޑިއޯ ޕެންޓަގަނުން އާންމުކޮށްފިއެވެ. މި ވީޑިއޯ އާން...

31 Oct 2019 | 01:58

އައިއެސް ޖަމާއަތުގެ އެންމެ އިސް ލީޑަރު އަބޫ ބަކްރް އަލް-ބަގްދާދީ އަތުލައިގަންނަން އެމެރިކާއިން އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ބައެއް ވީޑިއޯ ޕެންޓަގަނުން އާންމުކޮށްފިއެވެ.

މި ވީޑިއޯ އާންމުކޮށް މި ވީޑިއޯ އާއި ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު ޖެނެރަލް ކެނެތު މެކެންޒީ އެވެ. ސެންޓްރަލް ކޮމާންޑަކީ އެމެރިކަން ފޯސަސް އާއި މެދުއިރުމަތީގެ ކަންކަން ބަލަހައްޓާ އެންމެ އިސް ކޮމާންޑެވެ.

އެ ވީޑިއޯ އަދި ރެއިޑްގެ ބައެއް ފޮޓޯ އާއި ބެހޭގޮތުން މައުލޫމާތުދެމުން މެކެންޒީ ބުނެފައިވަނީ ބަގްދާދީ ފިލައިގެން އުޅުނު ބިންގަރާސް ހިމެނޭ ގޯއްޗަށް އެމެރިކާ ސިފައިންގެ ޓީމު ގާތްވަމުން ދިޔަ އިރު އަރަބި ބަހުންވެސް އިންޒާރު ދެމުން ގެންދިޔަ ކަމަށާއި ނަމަވެސް އެ އިންޒާރުތަކަށް އެމީހުންވެސް ބޯ ނުލެނބި ކަމަށެވެ. ރައްދު ހަމަލާ ދިން ކަމަށެވެ.

" އެ ގޯތީގެ އެތެރެއަށް ވަދެ ބަގްދާދީ ފިލާ އޮތް ބިންގަރާސް ހޯދި، ގޮތް ހުސްވުމުން ބަގްދާދީ އޭނާ ލައިގެން ހުރި ބޮން ހަރުކުރި ޖެކެޓު ގޮއްވާލައި އަމިއްލަ ނަފްސު ގޮއްވާލީ އިތުރު ދެ ކުޑަކުއްޖަކާއެކު، ތިން ކުއްޖަކު ކަމަށް ކުރިން އިއުލާނު ކުރެވުނީ މައުލޫމާތުގެ ކުށަކުން" މެކެންޒީ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އެ އޮޕަރޭޝަންގައި ޖުމްލަ ހަ މީހަކު މަރުވެފައިވާކަމަށާއި އެއީ ހަތަރު އަންހެނަކާއި ބަގްދާދީގެ އިތުރުން އިތުރު ފިރިހެނެއް ކަމަށެވެ. އެއީ ބަގްދާދީ އޭނާއާއެކު ގޮއްވާލި ކުޑަ ދެކުދިން ނުލާ ކަމަށް ބުނެފައިވއެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ގޯތިން 11 ކުޑަކުއްޖަކު ސަލާމަތް ކުރިއެވެ. އަދި ގަދަ ބާރުން ދެމީހަކު އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

"އެ ގޮއްވާލުމަށްފަހު އެ ސަރަހައްދުން ބަގްދާދީ އަދި އެ ކުދިންގެ ހަށިގަނޑުގެ ބައިތައްނަގައި ޑީއެންއޭ ޓެސްޓް ހަދަން ފޮނުވުނު، އެއަށްފަހު އޭނާގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތާފައިވާނެ 24 ގަޑިއިރުގެ ތެރޭގައި، އެއީ އެކަން ކުރަން އޮންނަ އުސޫލު" މެކެންޒީ ބުނެފައިވެއެވެ.

މެކެންޒީ އިތުރަށް ބުނެފައިވަނީ ބަގްދާދީގެ ޑީއެންއޭ ޝައްކެއް ނެތް މިންވަރަށް ދިމާވެފައިވާއިރު އެ ސާމްޕަލް ދިމާވެފައިވަނީ 2004 ގައި އިރާގުގެ ޑިޓެންޝަން ސެންޓަރަކުން ލިބިފައިވާ ބަގްދާދީގެ ޑީއެންއޭ ސާމްޕަލަކާއި ކަމަށެވެ.

ބަގްދާދީ އަމިއްލައަށް މަރުވުމުން އޭނާގެ ހަށިގަނޑާއި އަދި އޭނާއާއެކު ގޮއްވާލި ދެކުދިންގެ ހަށިގަނޑުގެ ބައިތަކާއި އެ ސަރަހައްދުން ނެގެން ހުރި ލިޔެކިޔުންތަކާއި އިލެކްޓްރޯނިކްސްތައް ނެގުމަށް އެ ގޯއްޗަށް މަތިން ބޮން އަޅައި އެ ގޯތި އެކުގައި މިހާރު ބިމާ ހަމަކޮށްލާފައިވާނެ ކަމުގައިވެސް މެކެންޒީ ބުނެފައިވެއެވެ.

ބަގްދާދީ މަރާލާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެމެރިކާއިން ހިންގި އަޝްކަރީ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނަށް ކުރުދީ ހަނގުރާމަވެރިންނާއި ރަޝިޔާ އާއި އަދި އިތުރު ބައެއ ފަރާތްތަކުގެ އެހީތެރިކަން ލިބުނުކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އަދި އެ ފަރާތްތަކަށް އެކަމަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް