ގާސިމް ވިދާޅުވަނީ ދެން އިތުރަށް ކަށި ޖަހާނެ ފުރުސަތު ނުދޭނެ ކަމަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި އެތައް ފަހަރަކު ސިޔާސީ ފަރާތްތައް ކަށި ޖަހައިފި ކަމަށާއި ނަމަވެސް ދެން އިތުރަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް...

30 Oct 2019 | 19:05

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި އެތައް ފަހަރަކު ސިޔާސީ ފަރާތްތައް ކަށި ޖަހައިފި ކަމަށާއި ނަމަވެސް ދެން އިތުރަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނާއި ދެމެދު ދޭތެރެ ޖެއްސުމަށްޓަކައި އެތައް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖެއަކީ ގުދުރަތީ ރީތިކަން ފިޔަވާ ފައިސާ ލިބޭނެ މާގިނަ ވަސީލަތްތަކެއް އޮތް ތަނެއް ނޫންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ދައުލަތަކަށް ކަންކަން ކޮށްދެވޭނީ މަސައްކަތްތަކެއް ކޮށް ފައިސާ ދައުލަތަށް ވަދެގެން ކަމަށެވެ. ކިތަންމެ ވަރަކަށް މި ސަރުކާރުން ކަންކަން ނުކޮށްދޭ ވާހަކަ ދެއްކި ނަމަވެސް ނެތް ފައިސާއެއްގައި ކަންކަން ނުކޮށްދެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިއަދު އިބްރާހީމް މުހައްމަދު ސޯލިހު ބަދުނާމު ކުރުމަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް ކިހިނެއްތޯ އެމަނިކުފާނު ނުލިބޭ ލާރިއަކަށް މަސައްކަތް ކޮށްދޭނީ. އެއީ ނުވާނެ ކަމެއް ދެއްތޯ. ދެން ސަރުކާރު ސްލޯއޭ ލަހޭ އެ އެއްޗެކޭ މި އެއްޗެކޭ ކިޔާފައި، އެޕާޓީގެ އުޅޭ މީހުން ކަންނޭނގެ މި ދޭތެރެއަކުން އެ ވާހަކަތައް ރައްޔިތުން މަޖިލީހުގައި ދެއްކީވެސް،" ގާސިމް ވިދާޅުވިއެވެ.

މިފަދައިން ގާސިމް ވިދާޅުވި ނަމަވެސް އިންކަމް ޓެކްސް ނެގުމުގެ މައްސަލާގައި ގާސިމް ހުންނެވީ ނުރުހުންވެފައެވެ. އެގޮތުން ގާސިމް މިރޭ ވެސް ވަނީ ދާދިފަހުން ކުނޫޒުގައި އޭނާ ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީން ވިޔަފާރިވެރިޔާއަށް ވެސް ލިބެނީ އާއްމު ރައްޔިތުމީހާއަށް ލިބިދޭ ހައްގު ކަމަށެވެ. އެގޮތުން ޓެކްސް ދެއްކުމުގައި ވެސް އެ އުސޫލު އޮންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް