ބީއެމްއެލްގެ ކަސްޓަމަރުންގެ މާލީ މަޢުލޫމާތު ހޯދަން ފޮނުވި ކަމަށްބުނެ ދައުރުވަނީ ފޭކު ސިޓީއެއް: މިނިސްޓަރު

ބީއެމްއެލްގެ ކަސްޓަމަރުންގެ މާލީ މަޢުލޫމާތު ހޯދުމަށް އެދި ހޯމްލޭންޑް މިނިސްޓްރީން ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ އެ މިނިސްޓްރީގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފ...

31 Aug 2026 | 18:48
މިނިސްޓަރު އަލީ އިހުސާން --

މިނިސްޓަރު އަލީ އިހުސާން --

ބީއެމްއެލްގެ ކަސްޓަމަރުންގެ މާލީ މަޢުލޫމާތު ހޯދުމަށް އެދި ހޯމްލޭންޑް މިނިސްޓްރީން ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ އެ މިނިސްޓްރީގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ފޭކު ލިޔުމެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ލިޔުމުގައި ވަނީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފަށް އެޑްރެސްކޮށް މިނިސްޓަރު އިޙުސާން ސޮއިކުރައްވާފައިވާ ސިޓީއެއް ކަމަށް ދައްކައިފައެވެ. އެ ސިޓީގައި ބުނެފައި ވަނީ އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ފިޔަވަޅުތަކުގެ ދަށުން މަނީ އެކްސްޗޭންޖް ލައިސަންސް ގެންގުޅޭ ފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށް ވުރެ މައްޗަށް ފައިސާ ޖަމާކުރި މީހުންގެ ހަ މަހުގެ ސްޓޭޓްމަންޓާއި ޒާތީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

މިނިސްޓަރު އިޙުސާން އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީއަކީ ޖިނާއީ ތަޙުޤީޤު ހިންގާ އިދާރާއެއް ނޫން ކަމުން ބީއެމްއެލް އަށް ވެސް އަދި އެހެން މާލީ އިދާރާއަކަށް ވެސް އެފަދަ ލިޔުމެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ ނަމުގައި މިބާވަތުގެ ފޭކު ލިޔެކިޔުންތައް ތައްޔާރުކޮށް އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ބީއެމްއެލް އިން ވެސް ވަނީ މި ސިޓީ ސައްޙަ ނޫން ކަން ކަށަވަރުކޮށްދީފައެވެ. "ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ އިން މި ބޭންކަށް ސިޓީއެއް ފޮނުވާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެެއްކަން މި ފުރުސަތުގައި ދަންނަވާލަމެވެ" ކަމަށް އެ ބޭންކުން މިރޭ ބުނެފައިވެއެވެ. ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ބޭންކިން މަޢުލޫމާތު ހިއްސާކުރާނީ ހަމައެކަނި ބޭންކިން ޤާނޫނާ އެއްގޮތަށް ކޯޓު އަމުރެއް ނުވަތަ ތަޙުޤީޤީ އިދާރާތަކުން ލިޔުމުން ހުށަހެޅުމުން ކަމަށެވެ.

މި ފޭކު ސިޓީ ދައުރުވާން ފެށީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ އިޞްލާޙު ރައީސް މުޢިއްޒު މިއަދު ތަޞްދީޤުކުރެއްވިއެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކި ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ ރައްޔިތެއް މިރޭ ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ހަ ބިދޭސީން ހައްޔަރުކުރީ ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވައިލާފައިވާ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ތަޙުޤީޤުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ހަ މީހުންގެ އެކައުންޓުތައް މެދުވެރިކޮށް ޖުމްލަ 54,429,550 ދިވެހި ރުފިޔާ އަދި 1,627,810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް