ލަންކާގައި މަރުގެ ހުކުމެއް އައިސްފައި ހުރި ދިވެއްސަކު މިނިވަން ވެއްޖެ

އަވައްޓެރި ސްރީލަންކާގައި މަރުގެ ހުކުމެއް އިއްވާފައި ހުރި ދިވެއްސަކު މިނިވަން ވެއްޖެ އެވެ. މީގެ އަށް އަހަރު ކުރިން އެގައުމުގެ ނިގަމްބޯ ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ދިވެއްސެއް ކަމަށްވާ ޔުގީތ...

31 Aug 2026 | 18:13
ލަންކާގެ އިސްތިއުނާފު ކޯޓު --

ލަންކާގެ އިސްތިއުނާފު ކޯޓު --

އަވައްޓެރި ސްރީލަންކާގައި މަރުގެ ހުކުމެއް އިއްވާފައި ހުރި ދިވެއްސަކު މިނިވަން ވެއްޖެ އެވެ.

މީގެ އަށް އަހަރު ކުރިން އެގައުމުގެ ނިގަމްބޯ ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމަށެވެ. އެ ހުކުމް ކުރީ އޭނާ ލަންކާއަށް އެތެރެވި އިރު ގެންދިޔަ ފޮށީގެ ތެރޭގައި ކާބަން ކަރުދާހުން ބަންދުކޮށްފައިވާ 12 ޕެކެޓެއްގައި 1.296 ކިލޯގްރާމްގެ ހެރޮއިން ހުރި ކަމަށް ތުހުމަތުކޮށް ކުރި ދައުވާ އާއި ގުޅިގެންނެވެ.

މި މައްސަލައިގަ އޭނާއާ ދެކޮޅަށް ލަންކާ ދައުލަތުން އޭނާގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމާއި އެތެރެކުރުމުގެ ތިން ދައުވާ އުފުލިއެވެ. ނިގަމްބޯ ހައިކޯޓުގައި ޝަރީޢަތް ހިންގުމަށް ފަހު ވިޔަފާރިކުރުމާއި އެތެރެކުރުމުގެ ދެ ދައުވާއިން ޔުގީތު ބަރީއަވީ ނަމަވެސް ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކޯޓުން އޭނާ މެރުމުގެ ޙުކުމް އިއްވިއެވެ.

އެ ހުކުމުން ސަލާމަތްވީ ޔުގީތުގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރުމުން ފަނޑިޔާރު އަމާލް ރަނަރާޖާ އާއި ފަނޑިޔާރު ޑރ. ސުމުދު ޕްރޭމަޗަންދްރާ ހިމެނޭ ދަށު ކޯޓުގެ ޝަރީޢަތުގައި ޤާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ފާހަގަ ކުރައްވާފައި އެވެ.

އިސްތިއުނާފު ކޯޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށް ފުލުހުން ބޭނުންކުރި ވަޓްސްއެޕް މެސެޖު ޝަރީޢަތަށް ހުށަނާޅާ އޮތުމާއި ފުލުހުން އަތުލައިގަތް ކަމަށް ބުނާ ތަކެތީގެ ބަރުދަނާއި ސަރުކާރުގެ އެނަލިސްޓަށް ލިބުނު ބަރުދަނާ ދެމެދު 17.44 ގްރާމްގެ ފަރަގެއް ހުރުން ހިމެނެއެވެ.

އެއާ އެކު ހެކީގެ ރައްކާތެރިކަމުގެ ޗެއިން ގެއްލިފައި އޮތުމާއި ތަކެތީގައި ނަންބަރު ޖެހުމުގައި ހެކިވެރީންގެ ބަޔާންތައް ފުށުއެރުމާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ނެތް މާއްދާއެއް އެނަލިސްޓަށް ފޮނުވި ސާމްޕަލުން ފެނުމާއި ހައްޔަރުކުރި ވަގުތު ތަކެތި ސީލުކޮށް ބަރުދަން ނުކިރުމާއި ބަޔާން ނެގުމުގައި ބޮޑެތި ލަސްތައް ވެފައި ހުރިކަން ވެސް އެ ކޯޓުން ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމެއް ރިޢާޔަތްކޮށް އިސްތިއުނާފު ކޯޓުން ކަނޑައެޅީ ޔުގީތުގެ ކުށުގެ ނިޔަތް ސާބިތުކޮށްދިނުމުގައި ލަންކާގެ ދައުލަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް އަށް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު މުހިންމު ހެކިތައް ނެތް ހާލަތެއްގައި އަލުން ޝަރީޢަތް ހިންގުމަކީ އިންސާފަކަށް ނުވާނެ ކަމަށް ވެސް ފަނޑިޔާރުން ނިންމެވިއެވެ.

އެހެންކަމުން ނިގަމްބޯ ހައިކޯޓުގެ މެރުމުގެ ޙުކުމް ބާޠިލުކޮށް ހުރިހާ ދައުވާއެއް ބާޠިލުކުރައްވައި ޔުގީތު ވަގުތުން މިނިވަންކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް