ކަޅޫ ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީންތައް -- ފޮޓޯ: ޕޮލިސް
ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކަމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ޓަސްކްފޯހުން ހިންގި އޮޕަރޭޝަންގައި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ގަވައިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާތާ ތިން އަހަރުވެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެމީހުންނަކީ ރާއްޖޭގައި ހުއްދަ ދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މީހުންނެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ އިންޑިއާ ދެ ރައްޔިތުންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.
1. ދުލްކަރްނައި އިމްރާން ހާން (އިންޖިނިއާ) - އިންޑިއާ
2. މުހައްމަދު އަސަތް ކަލަންދަރް ހުސައިން (ސޭލްސް ޕާސަން) - އިންޑިއާ
3. މޮހައްމަދު މަހަމޫދުރް ހަސަން (ކްލީނާ) - ބަންގްލަދޭޝް
4. މުހައްމަދު ރާހުލް އަމީން (އެކައުންޓެންޓް) - ބަންގްލަދޭޝް
5. މައްސޫދް މިއާ (ވެއިޓާ) - ބަންގްލަދޭޝް
6. އެމްޑީ ފަރީދުއްދީން (ޑްރައިވާ) ބަންގްލަދޭޝް
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި މި މީހުން ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ޖުމްލަ 54،429،550.00 ރުފިޔާ (ފަންސާސް ހަތަރު މިލިއަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއ،ި 1,627,810 އެމެރިކާ ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ އެމެރިކާ ޑޮލަރު ދައުރުކޮށްފައި އެވެ.
ފުލުހުން ބުނީ ވިޔަފާރިތަކާއި އަމިއްލަ މީހުންގެ އެކައުންޓުތަކާއި ވިޔަފާރިތައް ބިދޭސީން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތް ކުރުމަށް އެމީހުންނާއި ހަވާލުކޮށްފައި ހުންނަ ކަމަށެވެ.
މިގޮތަށް އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ އެކައުންޓެއްގެ ވެރިފަރާތުގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށްޓަކައި އަމިއްލަ ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ހަ ބިދޭސީން އަތުލައިގެންފައިމިވަނީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް