ބޭރުގެ ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނަގާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ....

31 Aug 2026 | 11:30
ރައީސް ބިލް ތަސްދީގު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ބިލް ތަސްދީގު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު ތަސްދީގު ކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައުމަކީ ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލުގައި ވާ ގޮތުން އެ ބިލުގެ ބޭނުމަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ބައެއް މަފްހޫމްތައް އިތުރަށް ތަފްސީލުކުރަން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގަ އެވެ.

އެ ބިލް ފާސްކޮށް، ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް