ފުލުހުން ވަނީ ކުއްޖާ ވެއްޓުނު ވީޑީއޯ ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައި --
ހުޅުމާލޭ ފްލެޓަކުން މިއަދު ކުއްޖަކު ވެއްޓިފައި އޮއްވަ ނަގާފައިވާ ވީޑިއޯ ސޯޝަލް މީޑިއާ އާއި އެނޫންވެސް ގޮތަކަށް ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
މިއަދު ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން އުދަރެސް 2 ގެ ތިން ވަނަ ފަންގިފިލާއިން ބޭރަށް ވެއްޓުނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާގެ ވީޑީއޯތަކެއް ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ކަމަށެވެ. މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އިލްތިމާސް ކުރާ ކަމަށް ބުނެފައިވެ އެވެ.
މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެކެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދިފައިވެ އެވެ. އަދި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުއްވުން އެދެމެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އަޅަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް