ހުޅުމާލޭގައި އެކްސިޑެންޓުތައް މަދު ކުރަން ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކޮށްފި

ހުޅުމާލޭގައި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދާތީ އެކަމަށް ހައްލު ހޯދުމަށް ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއ...

31 Aug 2026 | 09:46
އެޗްޑީސީ އާއި ފުލުހުންގެ ބައްދަލުވުން -- ފޮޓޯ: ޕޮލިސް

އެޗްޑީސީ އާއި ފުލުހުންގެ ބައްދަލުވުން -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދާތީ އެކަމަށް ހައްލު ހޯދުމަށް ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ހުޅުމާލެ ފޭސް 1 ޕޮލިހުގައި ބޭއްވި މި ބައްދަލުވުމުގައި ބާރު ދުވެލީގައި ދުއްވާ ސަރަހައްދުތަކާއި ތަކުރާރުކޮށް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތައް ފާހަގަކޮށް އެ ތަންތަނުގައި އަވަހަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ.

ފުލުހުންގެ ފަރާތުން ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލާއި ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހަނީފް ބައިވެރިވެވަޑައިގެންނެވި އިރު އެޗްޑީސީގެ ފަރާތުން ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދުގެ އިތުރުން އެ ކޯޕަރޭޝަނުގެ އެހެން އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ބައްޓަންކުރުމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އެއީ އިންޖިނިއަރިންގާއި ޤާނޫނު ތަންފީޒުކުރުމާއި ހޭލުންތެރިކުރުވުމެވެ. އެ ގޮތުން ބޮޑެތި މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

ހަމައެއާ އެކު ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި މަގުތަކުގެ ކަންމައްޗާއި ދުވާރު މައްޗާއި ކަފިހިހުރަސް ކައިރީ ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.

ދުއްވާ ފަރާތްތަކާއި ހިނގާ މީހުންވެސް މަގުމަތީގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވެން ހުރި ކަންކަން ދެނެގަތުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް