ބޭރު ފައިސާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކޮންމެ މަހަކު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމުކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލާ އެކު އިތުރު ހަ ބިލެއް ތަސްދީގު ކުރައްވައި އެ މަނިކުފާނު ސޮއިކުރެއްވިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކުން ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެއެވެ.
ބިލު ތަސްދީގުކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން ކަމަށެވެ. އަދި ލޯނު ދެއްކުމާއި މުވައްޒަފުންގެ މުސާރައާއި އެ ނޫން ވެސް ހަރަދުތައް ހަމަޖެއްސުމަށް އެކަމުގެ ސަބަބުން ހުރަހެއް ނޭޅޭނެ ކަމަށެވެ.
ނަމަވެސް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ މަޓީން ވަނީ މި ނިންމުމާ ދެކޮޅު ހެދައިފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ތެލާއި މުސާރައާއި ޚިދުމަތުގެ ޗާޖާއި ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ވިތުހޯލްޑިން ޓެކުހާއި އިންކަމް ޓެކުހާއި ކުއްޔާއި ބޭރު ފައިސާއިން ދައްކަން ޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތައް ޑޮލަރުން ހަމަޖައްސަން ޖެހޭތީ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ އެ ސިނާޢަތަށް ތަޙައްމަލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް