ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 44 ޕަސެންޓު އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ވެސް ވަން ފައިސާ 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ. ޒަކާތު ހައ...

31 Aug 2026 | 08:37
މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ: ޒަކާތު ހައުސް

މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ: ޒަކާތު ހައުސް

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ވެސް ވަން ފައިސާ 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޒަކާތު ހައުސްއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ލިބުނީ 12,040,524.09 ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު އެ ޢަދަދު ވަނީ 17,366,787.29 ރުފިޔާއަށް ޖެހިލައިފައެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ޒަކާތުގެ ގޮތުގައި ޖަމާވި ފައިސާ އިތުރުވެފައިވާ އިރު ޖުލައި މަހު ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ ތަފާތު ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބައިންނެވެ. އެ ބަޔަށް ޖުމްލަ 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ފަޤީރުންނާއި މިސްކީނުންނަށް ދޫކުރި ފައިސާގެ ބައިތަކަށް ބަލާ އިރު ބޭސްފަރުވާގެ އެހީއަށް 1.48 މިލިއަން ރުފިޔާ ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.

ޒަކާތު ހައުސްގެ ނަމުގައި މުސްތަޤިއްލު އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމު ހަރުދަނާ ކުރި ފަހުން ޒަކާތުގެ ގޮތުގައި ލިބޭ ޢާމްދަނީ އައީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް