އިންޑިއާގައި ރޭޕާއި ދެކޮޅަށް ކުރަހާފައިވާ ގްރެފިޓީތަކެއް --
އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި 16 އަހަރުގެ އަންހެން ދަރިވަރަކު ވާރެއާ ތެމޭތީ އެހީއަށް އެދުމުން އެރުވި ސްލީޕާ ބަހެއްގެ ތެރޭގައި ޑްރައިވަރާއި ކޮންޑަކްޓަރު ވެގެން އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. މައިންޕޫރީ ޑިސްޓްރިކްޓަށް ނިސްބަތްވާ ގްރޭޑް 11 ގައި ކިޔަވާ އެ ކުއްޖާ ޢާއިލާއާ ދެމެދު ޖެހުނު މައްސަލައަކަށް ފަހު ބޭނުންވީ ނޮއިޑާގައި ހުންނަ ދެބެއިންގެ ދެ ދަރި ކުއްޖެއްގެ ކައިރިއަށް ދާށެވެ.
ނަމަވެސް ބޯ ވާރެއާއި އަނދިރީގެ ސަބަބުން އޮޅިގެން ޕާރީ ޗޯކް ސަރަޙައްދުގައި ފައިބައިގެން ހުއްޓައި ފަޅު ސްލީޕާ ބަހެއް އެ ސަރަޙައްދުން ދަތުރުކޮށްފައި ދިޔައެވެ. އެ ކުއްޖާ އެހީއަށް އެދި އިޝާރާތް ކުރުމުން ބަސް މަޑުކޮށް ނޮއިޑާ ސެކްޓާ 63 އަށް ދާ ކަމަށް ބުނެ ބަހަށް އެރުވީ ޑްރައިވަރު ކުލްދީޕާއި ކޮންޑަކްޓަރު ސަންދީޕެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބަސް ދުއްވާލިތާ ކުޑައިރުކޮޅެއް ފަހުން ކޮންޑަކްޓަރު އެ ކުއްޖާއާ ބެހެން ފެށީއެވެ. އެ ކުއްޖާ ދެކޮޅު ހެދުމުން މަރާލާނެ ކަމުގެ އިންޒާރު ދީ ޑްރައިވަރާއި ކޮންޑަކްޓަރު ވެގެން އެ ކުއްޖާ ރޭޕް ކުރި ކަމަށް އެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ. ބަހުގެ ބާތުތައް ވަށައިގެން ދަމާފައި ހުރި ފޮތިގަނޑުތަކުގެ ނިވާގައި ބަހުގެ ތެރޭގައި ހިންގި ކަންތައް ފޮރުވުމަށް ތުހުމަތުކުރެވޭ ދެ މީހުންނަށް ފަސޭހަވީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕާރީ ޗޯކުން ފެށިގެން ގާތްގަނޑަކަށް 47 ކިލޯމީޓަރު ދުއްވުމަށް ފަހު އެމީހުން ވަނީ ކަޝްމީރް ގޭޓް ބަސް ޓާމިނަލް ކައިރިއަށް އެ ކުއްޖާ ބަލާފާއި އެވެ. މައްސަލަ ރިޕޯޓު ކުރީ އެ ކުއްޖާ އަމިއްލައަށެވެ.
ތަޙުޤީޤުން އެނގިފައިވާ ގޮތުގައި އެ ބަސް ކުރިން ހަލާކުވެގެން ސޫރަޖްޕޫރުގައި ހުންނަ ވޯކްޝޮޕެއްގައި މަރާމާތު ކުރުމަށް ފަހު ކުލްދީޕާއި ސަންދީޕް ފަޅު ބަސް ޓީމާޕޫރަށް ގެންދިޔަ މަގުމަތީގައި ޕާރީ ޗޯކް ކައިރިން އެ ކުއްޖާއާ ދިމާވީއެވެ.
ފުލުހުން ވަނީ ޓީމާޕޫރުގެ ބަސް ޕާކިން ސަރަޙައްދަކުން ދެ މީހުން ހައްޔަރުކޮށް ބަސް ފޮރެންސިކް ތަޙުލީލަށް ފޮނުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް