ކުށުގެ ވެށިން ޒުވާނުން އަނބުރާ ގެނެވޭނެ ހައްލަކީ އުމުރަށް ޖަލަށް ލުމެއް ނޫން، ރިހެބިލިޓޭޓް ކުރުން: ރައީސް ސޯލިހް

ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުން އަނބުރާ މުޖްތަމައަށް ގެނެވޭނެ ހައްލަކީ އުމުރަށް ޖަލަށް ލުން ނޫން ކަމަށާއި ބަދަލުގައި ޖަލުތަކަކީ ރިހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ...

31 Aug 2019 | 10:58

ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުން އަނބުރާ މުޖްތަމައަށް ގެނެވޭނެ ހައްލަކީ އުމުރަށް ޖަލަށް ލުން ނޫން ކަމަށާއި ބަދަލުގައި ޖަލުތަކަކީ ރިހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރީހެބިލިޓޭޝަން ތަޢާރަފްކުރުން ކަމަށެވެ.

"މިއަދުވެސް ފަރުވާއަށް ބޭނުންވެފައިވާ 800 އަށްވުރެ ގިނަ ޒުވާނުން އެބަތިބި. މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ބޭނުންވާ ފަރުވާއާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ދަނީ ހިންގަމުން. މިގޮތުން މިހާރު ވަނީ 3 ސެންޓަރެއް ޤާއިމްކޮށްފަ. އެއީ ހދ. ހަނިމާދޫ، ސ. ހިތަދޫ އަދި ގދ. ތިނަދޫ. މީގެ އިތުރުން ސ. ހުޅުދޫގަ ޑްރަގް ޑިޓޮކްސް ސެންޓަރެއް އެޅުމުގެ މަސައްކަތްދަނީ ކުރެވެމުން." ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މައިންބަފައިންނާ ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހައި ކިޔަވާ ނިމިގެން، މަތީ ތަޢުލީމާ ތަމްރީނު ލިބޭނެ މަގަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީ ޒުވާނުންކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަކަމުގައި ހާމަކުރެއްވިއެވެ.

"މިގޮތުން ބަލާއިރު، އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ ޢަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު. މިކަން އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ. ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށްޖެހޭ. ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް