ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ބެންކް އޮފް މޯލްޑިވްސް އިން ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ ކޮމިއުނިޓީ ފަނޑުގެ ތިން ވަނަ ބުރ...

31 Aug 2019 | 07:41

ބެންކް އޮފް މޯލްޑިވްސް އިން ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ ކޮމިއުނިޓީ ފަނޑުގެ ތިން ވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ނަމުގައި ބީއެމްއެލް އިން ހިންގާ މިކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއްޔެ ހުޅުވައިލިއިރު، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުށަހެޅޭނެއެވެ.

ބީއެމްއެލް އިން ބުނީ، އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. މިއަހަރުގެ ކޮންމެ ކްއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދޭނެ ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ހދ.ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުން، ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން، އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން  ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްޤީކުރުމެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް