އެމްޑީޕީ ފްލެގްމޭން ހާލުގައި ޖެހި މާރުކޭޓް ސަރަހައްދުގައި

ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިހާރު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން މަގުމަތީގައި މުޒާހަރާތައް ކުރިއިރު އެންމެ ކުރީގައި އެމްޑީޕީގެ ބޮޑު ދިދަ ވިހުރާލަ ވިހުރާލަ ހުންނަ، އެމްޑީޕީގެ ފްލެގްމޭން ހާ...

31 Aug 2019 | 02:21

ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިހާރު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން މަގުމަތީގައި މުޒާހަރާތައް ކުރިއިރު އެންމެ ކުރީގައި އެމްޑީޕީގެ ބޮޑު ދިދަ ވިހުރާލަ ވިހުރާލަ ހުންނަ، އެމްޑީޕީގެ ފްލެގްމޭން ހާލުގައި ޖެހިފައި ލޯކަލް މާރުކޭޓް ސަރަހައްދުގައި އިން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އޭނާ ހޯދައި، ޖެންޑަރ މިނިސްޓްރީން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މާރުކޭޓް ސަރަހައްދުގައި ގޮނޑިއެއްގައި ހުދު ބާލިދީއަކަށް ފައި ލައިގެން އިންނަ ފޮޓޯއަކާއި ފައިގެ ތަންގަނޑެއް ހަލާކުވެފައިވާ ފޮޓޯއަކާއި މުޒާހަރާއެއްގައި ދިދަ ވިހުރުވާ މަންޒަރު ފެންނަ ފޮޓޯއެއް މީހަކު ޓްވިޓާގައި އާންމުކޮށް ބުނެފައިވަނީ "މުޒާހަރާގައި ލިބުނު އަނިޔާގައި މައި ބަދައަށް ގެއްލުން ވެފައި އަދި ފަޔަށް ލޭ އަރާ ދުޅަވެފައި" ކަމަށެވެ. އެ ޓްވީޓްގައި ރައީސް ނަޝީދާއި އެމްޑީޕީގެ ސެކްރެޓްރިއޭޓްވެސް ޓެގްކޮށްފައިވެއެވެ.

އެ ޓްވީޓަށް ރައްދުދެމުން ޖެންޑަރ  މިނިސްޓްރީން ބުނެފައިވަނީ އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްދިންކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީގެ އިންޓަވެންޝަން ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން އެ މިނިސްޓްރީން ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ އޭނާ މިހާރު ހޯދިފައިވާކަމަށާއި އެޓެންޑްވަމުން އަންނަ ކަމަށެވެ.

https://twitter.com/Min_Gender/status/1167509365156282369

ފްލެގްމޭން ހާލުގައި ޖެހިފައި އިން މަންޒަރުތަކާއެކު ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ ލީޑަޝިޕަށް ފާޑުކިޔަމުންނެވެ. އެގޮތުން އޭނާއަކީ އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި އެތައް ގުރުބާނީއެއް ވި މީހެއް ކަމަށާއި ނަމަވެސް މިއަދު ހާލުގައި ޖެހިފައި އިން އިރު އެމްޑީޕީގެ ސަރުކާރުން އަޅާނުލުމަކީ ދެރަ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި މިކަން އަންނަނީ މީހުން ސިފަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް