ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޖަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު މި މަހުގެ 29 ވަނަ ދުވަހު ހައްޖަށް ފުރާވަޑައިގަތީ، އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅާއި އެކީގައެވެ.
އެމަނިކުފާނު ހައްޖަށް ވަޑައިގެންނެވި އިރު، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ޕްލެނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަމަޖައްސަވާފައެވެ.
މި އަހަރު ރާއްޖޭން 2000 މީހުން ހައްޖަށް ދާނެއެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 1000 މީހުންނާއި ބާކީ ގްރޫޕްތަކަށް ބަހާލައިގެން ހައްޖަށް ދާ މީހުންނެވެ.
އެގޮތުން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލް ހަރަމައިން އާއި ތަޒްކިޔާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.
ރާއްޖޭން ހައްޖަށް ދާ އެންމެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ދިވެހި ހައްޖުވެރިންގެ ގްރޫޕްތައް ހައްޖަށް ދާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް