އާސަންދައިގެ ތެރެއަށް ކޮރަޕްޝަން ވަދެ، އޭގެ ހަޤީޤީ މަޤްޞަދު ޙާޞިލުނުވޭ: ރައީސް

އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްގެ އެވެ. ރައީސް މިފ...

31 Jul 2019 | 04:29

އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްގެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ ސިއްޙީ ޙިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ޞިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން. އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން. ބޭސްކުރަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން." ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބުނު ބައެއް ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީ ދިވެހިރާއްޖެކަމާއި ޕޯލިއޯ އާއި މީސަލްސްވެސް ރާއްޖެއިން ނައްތައިލެވިފައިވާކަން އެމަނިކުފާނު ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތް ފެށިގެން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް