ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމްކޯޓުން ކަށަވަރު ކޮށްދީފައި ވާތީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދާނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާއަށް ދިޔުމަށް 12 މެމްބަރުން ނިންމާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސްޕްރީމް ކޯޓުން އެންމެ ފަހުން ކުރި ޙުކުމްގައި ބުނެފައިވަނީ ގޮނޑިތަކާއި ގުޅޭގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ނެރެފައިވާ ހުކުމްގެ އެބައި ބާތިލްކަމުގައެވެ. ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ. ސްޕްރީމް ކޯޓުން ފަހުން ނެރުނު ހުކުމުގައި މެމްބަރުންގެ ގޮނޑިއާއި ގުޅޭގޮތުން ވަކިވަކި މެމްބަރުން ހުށަހަޅުއްވާފައިވާ މައްސަލަތައް ކުރިޔަށްގެންގޮސް އެކޯޓުން ވަކިގޮތެއް ނިންމަން ޖެހޭކަމަށް ވެއެވެ. އެހެންކަމުން މިހުކުމާ ގުޅިގެން 12 މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ. އަދި އެމެމްބަރުން މަޖިލީހަށް ވަނުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރު ޖުލައި މަހު ސްޕްރީމް ކޯޓުން ނެރެފައިވާ ހުކުމާ ގުޅުވާފައެވެ. އެހުކުމްގައި ބުނެފައިވަނީ 13 ޖުލައި 2017 އިން ފެށިގެން ޕާޓީން ވަކި ކުރާ މެންބަރުން، ވަކިވާން އެދުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން އެ މެންބަރަކު ޕާޓީން ވަކިވިކަން ރަސްމީކޮށް މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެގޮތުގެ މަތިން ޕީޕީއެމް ވަކިކުރި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް 12 މެމްބަރުން މިމައްސަލާގައި ވިދާޅުވަމުން ގެންދަވަނީ ހުކުމުގައި ބުނެފައިވާ ތާރީޚުގެ ކުރިން ޕާޓީން ވަކިވާން ހުށަހަޅާ އެކަން ނިމިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް