ޤާނޫނުލް އުޤޫބާތަށް ފޮނަދޫ ދާއިރާގެ މެމްބަރ ހުށަހަޅުއްވާ ރިޝްވަތާ ގުޅުންހުރި އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާއަށް މި ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފައި މިވަނީ، ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް އުވިގެންދާގޮތަށް ވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި އޮއްވައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލެއްގައި ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާގައި ބަޔާންކުރާ ރިޝްވަތުގެ ވާހަކައިގެ ބަދަލުގައި އެ މާއްދާއަށް ކޯޓުތަކުގެ ހުރުމަތް ކެނޑުމާއި ގުޅޭ އިސްލާހެއް ހުށަހެޅުމާއެކު، އެ ޤާނޫނުގެ 510 ވަނަ މާއްދާގައި އަސްލު ބުނާ ،ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ ކުށް އުވިގެން ހިނގައިދާނެކަމަށް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ނާއި ސިޔާސީ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވީ ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް އުވިގެން ނުދާނެކަމަށާއި، އެކަމަށް ވަކި ބާބެއް ކަނޑައެޅިގެން ދާނެކަމަށެވެ. އަދި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ކަމަށް ނިހާން ވިދާޅުވިއެވެ.
އަބްދުއްރަހީމް މި ހުށަހަޅުއްވާ ބިލާއި ކުރިން މަޖިލީހަށް ހުށަހެޅި ކޮމެޓީ ސްޓޭޖްގައިވާ ބިލާ ދެ ބިލް އެއީ އެއް ފަހަރާ ހުށަހަޅަން ހަމަޖެހިފައިވާ ދެ ބިލްކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ކަންކަން ކުރިޔަށްދިޔަ ގޮތުން އަބްދުއްރަހީމް ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމަށް އައިސްފައި ނުވަނީކަމަށް ނިހާން ވިދާޅުވިއެވެ.
" އަބްދުއްރަހީމް މި އިސްލާހު ހުށަހަޅާފައި އޮންނަތާ ހަމަ ވީ ދުވަހެއްވީ މި އިސްލާހާއެއްކޮށް. ނަމަވެސް އަޅުގަނޑުމެންގެ ޕާލިމެންޓް ގުރޫޕު މެންބަރުންގެ މެދުގައި މަޝްވަރާ ކުރުންމީ އެއް ކަންތައް. އަޅުގަނޑު ދަންނަވާފައިވާނެ މީގަ ކުރީގަ ވެސް ބިލެއް ހަމަ އައުމާ އެއްކޮށް މެންބަރުންގެ މެދުގަ އެ ބިލު މަޝްވަރާ ކުރުމަށްފަހުގައޭ އަޅުގަނޑުމެން ވައްދަމުން ދަނީ. އެހެންވީމަ ފުރަތަމަ އިސްލާހު އަޅުގަނޑުމެން ވެއްދީ މަޝްވަރާކޮށްފައި. މި އިސްލާހު މަޝްވަރާކޮށްގެން ވައްދާފައި މަޖިލީހުގެ ފުރަތަމަ ކިއުން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި ކުރިއަށްދާ ގޮތަށް ނިންމާފަ އޮއްވާ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުން ގެއްލިގެން ދިޔަ މިންވަރު ތިބޭފުޅުންނަށް ނޯޓު ކުރެވިފައި އޮންނާނީ، ޖަލްސާތައް ކުރިއަށް ގެންދިއުމުގަ ހުރި ދަތިތައް. އޭގެތެރޭގައި ލަސްވެފަ އެއޮތީ،" ނިހާން ވިދާޅުވިއެވެ.
ނިހާން މިހެން ވިދާޅުވެފައިވާއިރު ފާއިތުވި ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ބާއްވާފައިވާ ތިން ޖަލްސާގައިވެސް އެއްވެސް ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވާއިރު، މަޖިލީހުގެ ތެރެއިން ފަސޭހަކަމާއެކު ސަރުކާރުން ބޭނުންވާ ކަންކަން ފާސްކުރަމުން ދެއެވެ.
ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް އުވިގެންދާކަމުގެ އަޑުތައް ފެތުރެން ފަށާފައިވަނީ އިއްޔެއެވެ. އެއާއެކު މިއަދު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ރިޝްވަތުގެ ކުށް ބަޔާންކޮށް އާ އިސްލާހެއް މަޖިލީހަށް ހުށަހަޅާ ފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރުމުން ނިހާން ކުރިން ވިދާޅުވެފައިވާ ގޮތަށް އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ އިސްލާހު ހުށަހަޅާފައި އޮންނަތާ ކުރީގައި ހުށަހަޅާފައިވާ ބިލަށް ( ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ) ވީ ދުވަހެއް ވީ އޭ ވިދާޅުވުމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް