ޖަވާބުދޭނީ އިންތިޚާބުގައި ވޯޓުންކަމަށް އިބޫ ވިދާޅުވީ ދޭނެ ޖަވާބެއް ނެތީމާ – އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާއި (އިބޫ) ރައީސް ޔާމީން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދޭނީ ރައްޔިތުން ނިކުމެ ވޯޓުންކަމަށް އިބޫ ވިދާޅުވުމުން ދޭހަވަނީ އެއަށް ދޭނެ ޖަވާބެއ...

31 Jul 2018 | 15:13

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާއި (އިބޫ) ރައީސް ޔާމީން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދޭނީ ރައްޔިތުން ނިކުމެ ވޯޓުންކަމަށް އިބޫ ވިދާޅުވުމުން ދޭހަވަނީ އެއަށް ދޭނެ ޖަވާބެއް ނެތްކަމުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. ރިޝްވަތުގެ ކުށް ޤާނޫނުގައި ނެތް ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކާއި ގުޅޭގޮތުން އެކަން ސާފުކޮށްދިނުމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ގޮސް ވަޢުދުވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާ ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެއްވުން މާ ރަނގަޅުވާނެކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ސުވާލުތަކަށް ޖަވާބު ދެއްވުމަކީ މުހިންމުކަމެއްކަމަށާއި އެއީ ވޯޓަކާ ހަމައަށް އަންނައިރު ރައްޔިތުންނަށް އޮޅުން ފިލާފައި ހުންނަންޖެހޭ ކަންތައް ތަކެއް ކަމުގަ އެވެ. އޭރުން ރައްޔިތުންނަށް ވޯޓު ދިނުމަށް ފަސޭހަވާނެކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އަބްދުއްރަހީމް ނެންގެވީ އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއަރޕޯޓް ދިން މައްސަލައެވެ.

" އަޅުގަނޑުމެންގެ ސަރުކާރުން ޖީއެމްއާރު އަތުން އެތަން ހޯދާ އެތަން(އެއަރޕޯޓް) ތަރައްޤީ ކުރަމުން މިގެންދަނީ. އިދިކޮޅު ކެންޑިޑޭޓް ވިދާޅުވެ ދެއްވަންވީ ނޫންތޯ ތިމަންނަމެންގެ ސަރުކާރެއްގައި ޖީއެމްއާރަށްވެސް އަދި އެހެންތަނަކަށްވެސް އެއަރ ޕޯޓް ދުލެއް ނުކުރާނަމޭ. އެއަރ ޕޯޓް ބާއްވާނީ ދިވެހިންގެ އެއަރ ޕޯޓެއްގެ ގޮތުގައޭ. އެއަށް ޖަވާބުދެއްވާކަން އަޅުގަނޑަކަށް ހިޔެއް ނުވޭ އެހާ އުނދަގޫވާނެ ހެނެއް އެއާ ދޭތެރޭ އެބޭފުޅުންނަށް ގޮތެއް ނިންމިފައި އޮވެއްޖެކަމަށް ވަންޏާ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ، ބަސްބުނަން އަންނަ އިރު މިފަދަ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓް އިބޫ އަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. އޭގެ ގިނަ ސުވާލުތައް ގުޅިފައިވަނީ އެމްޑީޕީ ސަރުކާރުގައި ހިނގާފައި ހުރި ކަންކަމާއެވެ. އެކަންކަމަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވެފައިވަނީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތާއި އެމްޑީޕީގެ ސަރުކާރުގައި އަމަލުތައް ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންވެ ރައްޔިތުން ޖަވާބު ދޭނީ ވޯޓުން ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު ސަރުކާރާއި އިދިކޮޅުން އަންނަނީ ބަހުގެ ހަމަލާތައް އެއް ބަޔަކު އަނެއް ބަޔަކަށް ރައްދުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް