ތިމާވެށި ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަސައްކަތްކުރައްވާރަށް އެއްވެސް ވެރިޔަކު މަސައްކަތް ކޮށްފައި ނުވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 20 ރަށެއްގައި ނަރުދަމާ އެޅުން ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ހޭކާބް އާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ ރައްކާތެރި ނަރުދަމާ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައެވެ.
ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުގެ ދަށުން އާބާދީގެ 75 އިންސައްތަ އަށް މިހާރު ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވެމުން ދާކަމަށް ތޯރިޤް ވިދާޅުވިއެވެ. " ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނަރުދަމާ އަޅާފައިވަނީ 31 ރަށުގައި. މިވޭތުވެ ދިޔަ ހަތަރު އަހަރާއި ބައިގައި 22 ރަށުގައި ނަރުދަމާ ގާއިމްކުރެވިފައި މިވަނީ. މިހާރު އެކި ސްޓޭޖްތަކުގައި މަސައްކަތްތައް އެބަހިނގާ 83 ރަށެއްގައި. އެހެންވީމާ މިކަމަށް ފޯކަސްކުރެވިފައިވާ މިންވަރު މި ފެންނަނީ." ތޯރިޤް ވިދާޅުވިއެވެ.
މިއަދު މި ސޮއިކުރެވިގެންދިޔަ 20 ރަށަކީ އާބާދީގެ 75 އިންސައްތައިގެ ބޭރުން ނަރުދަމާ ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ރަށްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ނަރުދަމާގެ މަސައްކަތް ހިނގަމުންދާ 83 ރަށަށް ސަރުކާރުން 2.1 ބިލިޔަން ރުފިޔާ ޚަރަދު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން 20 ރަށެއްގައި މި ސަރުކާރުން ފެނުގެ ނިޒާމު ގާއިމްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިން ފެނުގެ ނިޒާމު ގާއިމްކޮށްފައިވަނީ ހަ ރަށެއްގައިކަމުގައެވެ. މިނިސްޓަރ ވިދާޅުވީ މިއީ ވަކި މީހަކަށް ގެނައި ތަރައްޤީއެއް ނޫންކަމަށާއި މިއީ އެންމެންނަށް ގެނައި ތަރައްޤީއެއް ކަމުގައެވެ. އަދި 83 ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް އިދިކޮޅުން އެއްވެސް އިރެއްގައި އެއްވެސް ވޯޓެއް ދީފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް