ބޭންކް އޮފް މޯލްޑިވްސް އިން މުވައްޒަފުންގެ ކަންކަމުގައި ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުންބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާއި ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިފަހަރުވެސް ބީއެމްއެލްއަށް ލިބިއްޖެ އެވެ.
ސިންގަޕޫރުގައި މިއަދު ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބީއެމްއެލް އަށް މި އެވޯޑް ދީފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމަުންދާ މަސައްކަތް ފާހަގަކޮށްފައެވެ.
ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ބޭންކުގެ ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމްއެވެ.
މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން ސަހާ ވިދާޅުވީ މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް ބޭންކުން ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ.
"ދެވަނަ ފަހަރަށްވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށްޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާއެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީވެސް އެކުއެކީގައި މަސައްކަތްކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން" ސަހާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްއިން ހާމަކުރާ ގޮތުގައި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް