100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ސ.މަރަދޫ އަދި މަރަދޫ ފޭދޫ އަށް މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫ އިން އިއުލާންކޮށްފައިވަނީ، އައްޑޫގެ އެހެނިހެން ސަރަހައްދުތަކަށްވެސް ވަރަށް އަވަހަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިކަމުގެ އުފަލުގައި، އަދި އުރީދޫގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫ އިން ވަނީ ރޭ ވަރަށް ހާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. މި އޮފަރ މެދުވެރިކޮށް، 30 އޮގަސްޓް 2018 ގެ ކުރިން މަރަދޫ އަދި މަރަދޫ ފޭދޫގައި އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ އެންމެހާ ބޭފުޅުންނަށް، 13 މަސްދުވަސް ވަންދެން ޕެކޭޖުން %50 ގެ ބޯނަސް ޖީބީ ލިބިގެންދާނެއެވެ. މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.
"އުރީދޫގެ އަމާޒަކީ، އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ކުރިއެރުމާއި ތަރައްޤީ ފޯރުކޮށްދިނުން. ފާއިތުވެދިޔަ 13 އަހަރުތެރޭގައި، ދިވެހިރާއްޖޭގެ މުވާސަލާތީ ނާރެސް ވަރުގަދަކޮށް، ދިވެހި ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދިނުމަށް އުރީދޫ އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އަދި ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މި މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.
2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ. މި ޚިދުމަތާއި އެކު، މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.
މަރަދޫ އަދި މަރަދޫ ފޭދޫގައި ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ އައްޑޫ ކޭބަލް ކޮމިއުނިކޭޝަން އެވެ.
ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/sn އަށް ޒިޔާރަތްކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް