ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މާލީ ބަޔާން ހުށަނާޅުއްވާކަމަށް ދައްކާ ވާހަކަޔަކީ ދޮގެއްކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ. މިކަމާގުޅިގެން މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅުއްވާފައި ކަމަށާއި އަދި އޮޑިޓަރ ޖެނެރަލް ވަނީ މާލީ ބަޔާން ބަލައި ގަންފައި ކަމުގަ އެވެ.
އޭގެފަހުން އޮޑިޓަރ ޖެނެރަލް ވަނީ މާލީ ބަޔާން ހުށަހަޅާނެ ގޮތް އިސްލާހު ކުރައްވާ، މާލީ ބަޔާން ހުށަހަޅުއްވާނެ ފޯމެޓެއް ދާދި ފަހުން ހިއްސާކުރައްވާފައި ކަމުގައި މުއާޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. އެ ފޯމެޓާ އެއްގޮތަށް ވަރަށް އަވަހަށް މާލީ ބަޔާން ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާކަމުގައި މުއާޒު ކުރެއްވި ޓްވީޓްގައި ވެއެވެ.
ރައީސް ޔާމީން މާލީ ބަޔާން ފާއިތުވި ހަތަރު އަހަރު ހުށަހަޅުއްވާފައި ނުވާކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަޚުލޫފު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މަޚުލޫފުގެ ޓްވީޓްގައި ވަނީ ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ހާމަކުރަން އަންގާފައިވާ މުދަލާއި ފައިސާގެ މާލީ ބަޔާން ވޭތުވެދިޔަ ހަތަރު އަހަރު އޮޑިޓަ ޖެނެރަލަށް ރައީސް ޔާމީން ހުށަހަޅުއްވާފައި ނުވާކަމަށެވެ.
ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނަނީ ، ކޮންމެ އަހަރުކުމެ، ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މިލްކިއްޔާތުގައި ވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް