ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވުމަކީ ނުވާނެކަމެއްކަމަށް ވިސްނިފައި އޮތްކަމަށް، ޔުވެންޓަސްގެ އެންމެ މުހިންމު އެއް ޑިފެންޑަރ ޖިއޯޖިއޯ ކިއެލީނީ ބުނެފިއެވެ.
މި މަހުގެ ކުރީކޮޅު ރެއާލް މެޑްރިޑް ދޫކޮށް 112 މިލިޔަން ޔޫރޯގެ އަގެއްގައި ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިދިޔަ ހޯމަ ދުވަހު ފުރަތަމަ ފަހަރަށް ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ރޮނާލްޑޯ 9 އަހަރު ވާންދެން ކުޅުނު ކްލަބް ރެއާލް މެޑްރިޑް ދޫކޮށްލާފާނެކަމުގެ އިޝާރާތެއް ކުރީ، މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެއީ ރެއާލް އާއެކު ޖެހިޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށް ފަހު ގައެވެ.
"(ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އަހަރެންނަށް އަޑު އިވުމުން) ރައްޓެހިން ކައިރީގައި އަހަރެން ބުނީ، ތިޔައީ ނުވާނެ ކަމެކޭ. އޭގެ އެއް ދުވަސް ފަހުން (އަހަންނަށް ވިސްނުނީ) އެއީ ވެދާނެކަމެއްކަމަށް" އީއެސްޕީއެން އަށް ދިން ބަސްދީގަތުމެއްގައި ކިއެލީނީ ބުންޏެވެ.
"އަހަރެމެންގެ މެނޭޖަރާއި، ޑިރެކްޓަރާއެކު... ހަގީގަތަކީ އެއީ. ޔުވެންޓަސް ދަނީ އަހަރުން އަހަރަށް ކުރިއެރުން ހޯދަމުން. އަދި އަހަރެމެންނަށް ބޭނުންވަނީ ރޮނާލްޑޯ ފަދަ ޗެމްޕިއަނެއް" ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާންސްފާއާމެދު ވަރަށް ބޮޑަށް އުފާވެރިކަން ފާޅުކުރަމުން ކިއެލީނީ އިތުރަށް ބުނެފައިވެއެވެ.
ޔުވެންޓަސް އިން މި ވަގުތު އެމެރިކާގައި ޕްރީ ސީޒަން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ބުދަ ދުވަހު އެމްއެސްއެލް އޯލް-ސްޓާރސް އާ ދެ ކޮޅަށް އެ ޓީމު ކުޅޭނެއެވެ. އާ ސީޒަނަކާ ކުރިމަތިލާއިރު، އިޓަލީގައި ޖެހިޖެހިގެން 7 އަހަރު ވާންދެން ހޯދި ކާމިޔާބީއަށްފަހު ޔުވެންޓަސްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް