ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ޕޮސިޓިވް 54 މީހަކު އެބަތިބި: މަބްރޫކް

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ54 މީހަކު އެބަ ތިބި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ކޯވިޑް-19 ޖެހިގެން އެނ...

31 May 2020 | 03:34

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ54 މީހަކު އެބަ ތިބި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް-19 ޖެހިގެން އެންމެ އާންމުކޮށް ނުރައްކާތެރި ހާލަތަކަށް ގެންދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. އެއީ އެމީހުންގެ ދިފާއީ ނިޒާމުގައި ބަލިން ދިފާއުމުގެ ބާރު ނުހުންނާތީ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެކަމަށް ބަލާ މިންގަޑުން ބަލާ54 މީހަކު އެބަތިބި ކަމަށެވެ. އެ އެންމެންނަކީވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރޭގައިވެސް ހަކުރު ބައްޔާ ކޮލެސްޓްރޯލް ހުންނަ ދެ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ޕޮސިޓިވް ދެމީހުންނަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ދެމީހުން ކަމަށެވެ.

އެކަމަކު މިވަގުތު ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ އުމުރުން ދުވަސްވީ އެންމެންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. ރާއްޖޭގައި އެންމެ ދުވަސްވީ މީހެއްގެ ގޮތުގައި92 އަހަރުގެ މީހަކު މިމަހުގެ28 ވަނަ ދުވަހު ވަނީ ޕޮސިޓިވްވެފައި އެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް ޖެހިފައިވާ މީހުންގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ އެންމެ 13 މީހުންނަށެވެ. ބަލިން ކޮންމެ ދުވަހަކު އެތައް ބަޔަކު ރަނގަޅުވަމުންދާއިރު މިހާތަނަށް401 މީހަކު ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

ރާއްޖެއިން މިހާތަނަށް1،671 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައި ވެއެވެ.

މި ބަލީގައި މަރުވެފައިވަނީ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އުމުރުން80 އަހަރުން މަތީގެ މީހުންނެވެ އަނެއް ދެމީހުންގެ ތެރެއިން އެކަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. އަނެކަކީ ކެންސަރު ފަދަ ބޮޑު ބައްޔެއް ޖެހިފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެމީހާ މަރުވީ ނާރެއް ފިތިގެން ސިކުނޑިއަށް ލޭއެޅި ފިޓު ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް