ފުވައްމުލަކާއި ފޮނަދޫގައި ޤުރުއާން ކްލާހުގައި ޑިޖިޓަލް ކްލާސްރޫމްގެ ޒަރިއްޔާއިން ކިޔަވައިދިނުމުގެ މަގު ދިރާގުން ފަހިކޮށްދީފި

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަ...

31 May 2019 | 11:08

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަރުކަޒަށް މެގަ އެކްސެސް ނެޓްވަރކް  ސޮލިއުޝަން ދިރާގުގެ ސީއެސްއާރގެ ދަށުން މިއަހަރުވެސް ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި  މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެއެވެ.

މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ  އެއްބަސްވުމުގައި  މިއަދު ވަނީ ސޮއިކޮށްފައެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން  ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. . މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެއެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު  ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން  ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިއްބަވާ ފަރާތްތަކަށް ރަށުގައިތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ކުރާނެއެވެ.

ޖުމްލަ 91 ދަރިވަރުން މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން  އަދި އިމާމްކަމުގެ ޑިގްރީ ގައި  26 ދަރިވަރުންނެވެ.

ދިރާގުން މައުލޫމާތުދޭގޮތުގައި ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.  އަދި ހަމައެއާއެކު ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ މިފަދަ ހިދުމަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް