ކާށިދޫ ފަރަށް އެރި ތެޔޮ ބާޖު އަދި ފުން ނުކުރެވޭ – ބާޖުން ތެޔޮ ހުސްކުރުމުގެ މަސައްކަތް ފަށައިފި

ކާށިދޫ ފަރަށް އުރުނު ތެޔޮބާޖު ފުން ކުރުމުގެ މަސައްކަތް އަދި ކާމިޔާބު ކުރެވިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން...

31 May 2019 | 09:59

ކާށިދޫ ފަރަށް އުރުނު ތެޔޮބާޖު ފުން ކުރުމުގެ މަސައްކަތް އަދި ކާމިޔާބު ކުރެވިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "މާތޮޅި ބާޖް" ފުންކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށެވެ.

"އެމްއެންޑީއެފް މާލެ އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން އަދި ބާޖުގެ ވެރިފަރާތުން ބާޖް ފުންކުރުމަށް ދިޔަވަރަށް ބަލައިގެން ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުން" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބާޖުގައި އަދިވެއް އެއް ލައްކަ ލީޓަރު ތެޔޮ އެބަހުރި ކަމަށާއި ބާޖްގެ ވެރިފަރާތުން ތެޔޮ ހުސްކުރުމަށް ދަނީ އިތުރު އެހެން އުޅަނދެއް ބޭނުން ކުރަމުން ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ބާޖުން ތެޔޮ ހުސްކުރުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ލައްކައެއްހާ ލީޓަރުގެ ތެޔޮ އެ ބާޖުން ހުސްކުރެވިފައިވާކަމަށެވެ.

"މިހާރު ލައްކައެއްހާ ލީޓަރުގެ ތެޔޮ އެ ބާޖުން ހުސް ކުރެވިއްޖެ، އަދިވެސް 80 ހާހަށްވުރެ ގިނަ ލީޓަރު ތެޔޮ އެ ބާޖުގައި އެބަހުރި" ގަސަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދަކީ ވަރަށް ގަދަ ސަރަހައްދެއްކަމުން ބާޖު ފުންކުރުމުގައި އަދި ތެޔޮ ހުސްކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ބާޖު ފުންކުރުމަށް މިހާރު ބޭނުންކުރަމުން އަންނަ ޓަގަށްވުރެ ބޮޑު ޓަގެއްގެ ބޭނުން މިއަދު ކުރަން ފަށާނެ ކަމުގައިވެސް ގަސަމް ވިދާޅުވިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ބާޖަކީ ޅ. އަތޮޅުގައި އޮތް ތެޔޮ ބޯޓަކުން ތެޔޮ ބަރުކޮށްގެން ކާށިދުއަށް ދަތުރުކުރި ބާޖެކެވެ. އެ ބާޖުގައި ހުރީ ކާށިދޫ އިންޖީނުގެއަށް ބޭނުންވާ ތެލެވެ. ފަރަށް އަރާފައިވަނީ އިރު އޮއްސުނު ވަގުތު ކާށިދުއަށް ބާޖު ވަންނަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް