މާރިޗް 20 ވަނަ ދުވަހު މިފްކޯގެ ބަހެއް ހުއްޓުވައި އެ ބަހުން ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފިއެވެ.
އެ ދެމީހުން ދޫކޮށްލީ ސީދާ ކޮން ދުވަހަކުކަން ކަށަވަރެއް ނޫނެވެ.
މި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވަނީ މާރިޗް މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ އޭރު ހައްޔަރު ކުރީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭގެ ތެރެއިން 19 އަހަރުގެ މީހާއަށް އޭރު 15 ދުވަސް ޖެހި ކަމަށްވެސް ފުލުހުން އޭރު ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ފައިސާ އަދި ފެނިފައެއް ނުވެއެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ފައިސާ ފެނިފައިނުވާއިރު އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންވެސް ދޫކޮށްލާފައިވާއިރު ހަމަ އެ ދުވަސްވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާވެސް ފެނިފައެއް ނުވެއެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންވެސް ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް