ލަންކާގައި ތިބި އާއިލާތަކަށް އެއްފަހަރާ 15 ކިލޯގެ ތަކެތި ހިލޭ ފޮނުވޭނެ

ކޯވިޑް-19 އާއި ގުޅިގެން އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކަށް ތަކެތި ފޮނުވުމުގެ ހިދުމަތް މޯލްޑިވިއަން އިން ދޭނީ ހިލޭ ކަމަށް ...

31 Mar 2020 | 02:14

ކޯވިޑް-19 އާއި ގުޅިގެން އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކަށް ތަކެތި ފޮނުވުމުގެ ހިދުމަތް މޯލްޑިވިއަން އިން ދޭނީ ހިލޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ބެލުުގެ ދަށުން އާއިލާތަކަށް ތަކެތި ފޮނުވަނީ މޯލްޑިވިއަން އިން ލަންކާ ކުރާ ކާގޯ ފްލައިޓު ދަތުރުތަކުގައި އެވެ. އެ މިނިސްޓްރީން ބުނީ ރާއްޖެއިން ލައްކާގައި ތިބި އާއިލާތަކަށް ފޮނުވޭނީ އެ ގައުމުން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ގޮތުން ބޭނުންވާ ސާމާނު ކަމަށެވެ.

ފޮނުވާ ފޮށިގަނޑުގެ ޖުމްލަ ބަރުދަން15 ކިލޯއަށްވުރެ އިތުރުވެގެން ނުވެ އެވެ.

ތަކެތި ފޮނުވައި ދެވެނީ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމެއް ފުރިހަމަ ކުރުމުންނެވެ. އެ ފޯމު ފުރިހަމަ ކުރުމަށް ފަހު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިންކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އެ ފޯމް އެޕްރޫވް ވިކަމުގެ ލިޔުން މިނިސްޓްރީން ފޮނުވާނީ ފޯމް ހުށަހެޅި ފަރާތުގެ އީމެއިލްއަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ތަކެތި ފޮނުވައިދޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމަށެވެ. އެ ފޯމުގައި ފޮނުވާ ފަރާތާއި ލަންކާގައި އެތަކެތި ލިބެންވީ ފަރާތުގެ މައުލޫމާތު ރަނގަޅަށް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

ކާގޯގެ ގޮތުގައި ފޮނުވައިދޭނެ ތަކެތި:

ނޫޑްލްސް

ރިހާކުރު (މިފްކޯ/ އެންޒީ ފަދަ އޮރިޖިނަލް ޕެކްގައި ހުންނަ ރިހާކުރު)

ބޭސް (ބޭސް ފޮނުވާނަމަ ޑޮކްޓަރުގެ ލިޔުން ފޯމާއި އެކު ހުށަހަޅަންޖެހޭ)

މަސް ޕެކެޓު/ ފަތް ޕެކެޓު/ ފިހާރަތަކުގައި ވިއްކާ ސާމާނުގެ ތެރެއިން ޕެކެޓުކޮށްފައި ހުންނަ ސާމާނު

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި:

ފައިސާ

ރޯމަސް

ކޭކު

ހެދިކާ

މޭވާ

ތަރުކާރީ

ފޮރިން މިނިސްޓްރީން ބުނީ ފޯމު އެޕްރޫވްކޮށްފައި ފޮނުވާ ލިޔުމުގެ ކޮޕީއަކާއި އެކު ތަކެތި ފޮށިގަނޑަކަށް އަޅައިގެން ބަންދު ނުކޮށް (ބަންދު ކުރަން ބޭނުންވާ ސާމާނާއި އެކު) ގެންދަން ޖެހޭނީ ގްރޭޓާ މާލޭ ބަސް ސްޓޮޕްގައި ހުންނަ މޯލްޑިވިއަން ކައުންޓަރަށެވެ. ތަކެތި ބަލައިގެންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު9:00 މެންދުރު1:00 އަށެވެ.

މި ތަކެތި ބަންދު ކުރާނީ ގެންދާ ފަރާތުގެ ހާޒިރުގައި ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށް ފަހު އެވެ. އެ ތަކެތި ލަންކާއަށް ގެންގޮސް އާއިލާތަކާއި ހަވާލު ކުރެވޭނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ބެލުމުގެ ދަށުންނެވެ.

އިއްޔެ ސަރުކާރުން ބުނީ މި ހިދުމަތް ދެނީ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި އެކަމަކު ކޯވިޑް-19 އާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާނުކޮށްފައިވާތީ ތަކެތި ގެންދާ ދުވަހު ހަވާލު ނުކޮށްދެވިދާނެ ކަމަށެވެ.

މޯލްޑިވިއަން އިން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ކާގޯ ފްލައިޓު ބާއްވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް