16 އަހަރުގެ އަންހެން ކުއްޖަކު، އެ ކުއްޖާގެ ދޮންބައްޕަ ކައިރި ބެހެއްޓުމަށް ފެމިލީ ކޯޓުން މިއަދު ހުކުމް ކޮއްފިއެވެ.
މިއަދު ހުކުމް ކުރި މައްސަލަ އަކީ ކުއްޖާގެ މަންމަ ކުރިން އިނދެގެން އުޅުނު ފިރިހެން މީހާ ކައިރިން ވަރިވުމުން، އެކުއްޖާ މަންމަ އާ ހަވާލު ނުކޮށް ހިފަހައްޓާފައި ވުމުން، އެ ކުއްޖާ ޝަރީއަތް މެދުވެރި ކޮށް ހަވާކޮށްދިނުމަށް އެދި ކުއްޖާގެ މަންމަ ހުށައަޅާފައިވާ މައްސަލަ އެކެވެ.
އަދި ދައުވާ ލިބޭ ފަރާތުން ބުނެފައިވަނީ އެ ކުއްޖާ މަންމަ ކައިރިއަށް ފޮނުވުމަށް އިންކާރު ނުކުރާ ކަމަށާއި، ނަމަވެސް އެ ކުއްޖާ މަންމަ ކައިރިއަށް ދާން ބޭނުން ނުވާ ކަމަށެވެ.
އެ ކުދިންނާ ދޭތެރޭ އަމަލު ކޮއްފައިވާ ގޮތާއި، މަންމަ ގެ ފަރާތުން އަހުލާގީ ގޮތުން 'ދަށު ދަރަޖައިގެ' އަމަލު ތަކެއް ފެނިފައި ވާކަމަށް އެ ކުއްޖާ ބުނެފައިވެއެވެ. އަދި މަންމަ ކައިރިއަށް ގޮސްފި ނަމަ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް އެކުއްޖާ ބުނި ކަމަށް ވެސް ފެމިލީކޯޓުން ބުނެފައިވެއެވެ.
މި ހުކުމާ ގުޅިގެން އެ ކުއްޖާގެ މަންމަ ބުނެފައިވަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނު ތަކާ އިސްލާމީ ޝަރީޢަތާ ހިލާފަށް ފެމިލީ ކޯޓުން މިއަދު ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑު ވާކަމަށެވެ. އަދި އަހުލާގީ މައްސަލަ އަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ކުއްޖާ ހަވާލު ނުކުރެވޭނަމަ، ކުއްޖާގެ މާމައާއި ބޮޑުދައިތައިން ވެސް ކުއްޖާއާ ހަވާލު ވުމަށް ތައްޔާރަށް ތިބިކަމަށް ފެމިލީ ކޯޓުގައި ބުނެފައިވާނެކަމަށެވެ.
ހަމައެއާއެކު، އެ ފިރިހެން މީހާ އަކީ ކުއްޖާގެ މައްޕަ ކަމުގައި ނުވާ އިރު އާއިލާއާ ބެހޭ ގާނޫނުން ކުއްޖާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ ފިރިހެން މީހާ އިހްތިޔާރު ކުރެވިދާނެ ކަމަށް ބުނެފައި ވުމުން ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް