ބުރުސޫރަ - އަށްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.... އިރުގެ އަވިން މުޅި ފަޒާ ދޮންކުރަމުން ދިޔައެވެ. ޒިއަންއަށް ހޭލެވުނީ މޫނުމައްޗަށް އަވި އެޅުމުންނެވެ. ބަލައިލިއިރު ކުރިމަތީގައި ހުރީ ޒައިނާއެވެ. "ހައި ބްރޯ ވޭކް އަޕް.." ޒިއަންގެ އަ...

31 Mar 2019 | 07:54

ކުރީގެ އަދަދާ ގުޅޭ....

އިރުގެ އަވިން މުޅި ފަޒާ ދޮންކުރަމުން ދިޔައެވެ. ޒިއަންއަށް ހޭލެވުނީ މޫނުމައްޗަށް އަވި އެޅުމުންނެވެ. ބަލައިލިއިރު ކުރިމަތީގައި ހުރީ ޒައިނާއެވެ.

"ހައި ބްރޯ ވޭކް އަޕް.." ޒިއަންގެ އަތްދަށުގައި އޮތް ބާލިސް ދަމައިގަންނަމުން ޒައިނާ ބުނެލިއެވެ. ނަމަވެސް ޒިއަން ތެދުވާ ހިޔާލެއް ނުކުރިއެވެ. އަނެއްފަރާތަށް އެނބުރުމަށްފަހު ބާލީހަކުން މޫނު ފޮރުވައިލިއެވެ. ޒައިނާ އެ ބާލިސްވެސް ދަމައިގަތެވެ.

"ތެދުވެބަލަ ހުކުރު ދުވަހޭ... މަންމަ ބުނީ ކުކުޅު ކޮށަން އަންނާށޯ..." ޒިއަންގެ ކަންފަތުގައި ހިފަމުން ޒައިނާ ބުނެލިއެވެ. ޒިއަން ޒައިނާގެ އަތް ފޮޅުވައިލުމަށްފަހު އަނެއްކާވެސް ބާލިސް މޫނު މަތީގައި އެޅިއެވެ. އެވަގުތު ޒިއަންގެ ފޯނު ރިންގްވާންފެށިއެވެ.

"މައި ކުއީން" ޒައިނާ ފޯނު ނަގައި ކިޔައިލިއެވެ. ޒިއަންގެ ގައިގައި ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ވަގުތުން އެނދުމައްޗަށް ފުންމައިގެން ތެދުވެ ޒައިނާ އަތުން ފޯނު އަތުލެވޭތޯ އުޅުނެވެ.

"ހެލޯ ކްއީން..." ޒިއަންއަށް އަތުނުވާން ދުވަމުން ޒައިނާ ކަންފަތުގައި ފޯނު ޖެހުމަށްފަހު ބުނެލިއެވެ. އެވަގުތު ޒިއަން އައިސް ފަހަތުން ޒައިނާގެ ގައިގައި ބައްދައިގަތުމަށްފަހު ފޯނު އަތުލިއެވެ. އޭރު ބާރު ބާރަށް އިވެމުންދިޔައީ ޒައިނާގެ ހުނުމުގެ އަޑެވެ.

"ދެރަ ކަމެއްނު..." ޒައިނާއަށް ލޯ އަޅައިލަމުން ޒިއަން ބުނެލިއެވެ. އަދި ކަންފަތުގައި ފޯނު ޖަހައިލިއެވެ.

"ދެން އަޅެ އާދެބަލަ... އިދުރީސް ބަލިވެޔޯ އެހެންވެ މިއަދު ނާދެއޭ..." ކޮޓަރިން ނިކުންނަމުން ޒައިނާ ބުނެލިއެވެ. އިދުރީސް އަކީ ކޮންމެ ހުކުރު ދުވަހަކު ގޭތެރޭގެ މަސައްކަތް ކުރަން އަންނަ ބަންގްލަދޭޝް މީހެކެވެ.

ޒައިނާ ނިކުމެގެން ދިއުމުން ޒިއަން ރާނީއަށް ގޮވައިލިއެވެ. ނަމަވެސް ރާނީގެ އަޑެއް ނީވުނެވެ. ދެން އިވުނީ ފޯނު ކަނޑައިލި އަޑެވެ. ޒިއަން ދެތިންފަހަރު ގުޅުމުންވެސް ރާނީ ފޯނެއް ނުނެގިއެވެ. ޒިއަން ހާސްވާން ފެށިއެވެ. އެހެންކަމުން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ރާނިއަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ވިއްސަކަށް މިނެޓު ފަހުން ރާނީ ފޯނު ނެގުމުން ޒިއަން ފުން ނޭވާއެއްލިއެވެ.

"އަޅެ ކީއްވެތަ ކަނޑާލީ... ކިހާވަރަކަށް ގުޅައިފިން" ހާސްވެފައި ހުރިވަރުން ޒިއަންއަށް ފުރަތަމަވެސް ބުނެވުނީ މިހެންނެވެ. އެކޮޅުން ރާނީ ނޭފަތް ދަމައިލި އަޑު އިވުނެވެ.

"ރާނީ އޯކޭ ތަ؟ ރޯގާ ޖެހުނީތަ؟" ޒިއަން އަހައިލިއެވެ. ދެންވެސް ރާނީ ބަހެއް ނުކިއެވެ.

"ރާނީ؟ ކަމެއްވީތަ؟ އަޅެ ބުނީމައެއްނު އިނގޭނީ... ރޮނީތަ؟" ޒިއަންގެ އަޑުގައި އާދޭހުގެ ރާގެއް ވިއެވެ.

"ޒިއަން.." ކުރަކި އަޑަކުން ރާނީ ގޮވައިލުމުން ޒިއަންގެ ހިތް ބާރަށް ތެޅިގަތެވެ. ރާނީއަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

"ދޫނި ކިހިނެއްވީ؟ މީހަކު އެއްޗެއް ބުނީތަ؟" ވަރަށް ލޯބިން ޒިއަން އަހައިލިއެވެ. ރާނީ އަނެއްކާވެސް ނޭފަތް ދަމައިލިއެވެ.

"ދެންމެ ފޯނު ނެގީ ކާކުތަ؟" ހިތާމަވެރި ގޮތަކަށް ރާނީ މިހެން ބުނިއިރު، އެ އަޑުގައިވި މައުސޫމް ރާގުން ޒިއަންގެ ހިތް ފުރިގެން ބަންޑުންވިއެވެ. ޒިއަންއަށް ކުޑަކޮށް ހެވުނެވެ.

"އެހެންވެތަ މޫޑީވެފަ ތިހުރީ؟ އަޅެ ދެރަނުވައްޗޭ..." ޒިއަން ތުން ދަމައިލަމުން ބުނެލިއެވެ. ރާނީ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ދެން އަޅެ އެއީ ޒިއަންގެ ކުޑޫ އޭ... ބުނީމެއްނު ކުޑޫގެ ވާހަކަ...." ޒިއަން ބުނެލިއެވެ. ރާނީ "ހޫމް" އަޅުވައިލިއެވެ.

"ރާނީ ގަބޫލުކޮށްބަލަ ކުޑޫ އޭ... އަދި ފްރެންޑް ކޮށްދޭނަން އިނގޭ؟" ޒިއަން ބުނެލިއެވެ. އަދިވެސް ރާނީގެ ހިތްހަމައެއް ނުޖެހެއެވެ.

"ހޭ ރާނީ... އަސްލުއޭ ދެން ދެރަ ނުވެބަލަ އިނގޭ؟" ރާނީގެ ހިތްހަމަޖައްސައިދޭން ޒިއަން މަސައްކަތް ކުރަމުން ދިޔައެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމުން ރާނީ ހަމައަކަށް އެޅިއްޖެއެވެ. ރާނީ މާ އަވަހަށް ކަމެއްވާއިރަށް ދެރަ ވަނީއެވެ. އެކަމާ ޒިއަން ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ސަބަބަކީ އުޅެން ޖެހިފައިވާ ގޮތުންނޭ ޒިއަންގެ ހިތައް އަރައެވެ. އެގޭތެރެއިން ކޮންމެސް މީހެއްގެ ޝަކުވާ ކޮންމެ ދުވަހަކު ރާނީ ކުރެއެވެ. ދެރަވެ ރޮއި ހަދައެވެ. ކައިރީ ނެތުމުގެ ސަބަބުން ޒިއަންއަށް ކުރެވޭހާވެސް ކަމަކީ ވާހަކަ ދައްކައިގެން ރާނީގެ ހިތްހަމަޖައްސައިދިނުމެވެ. ވީހާވެސް ގިނަ ވަގުތު ރާނީއަށް ދެވޭތޯ ޒިއަން އަބަދުވެސް މަސައްކަތް ކުރެއެވެ.

"ޒިއަން އާދެބަލަ ދެން އަޅެ" ކޮޓަރި ދޮރުން ބޯ ދިއްކޮށްލުމަށްފަހު ޒައިނާ އަނެއްކާ ގޮވައިލިއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ޒިއަން އަވަހަށް ފާހާނާ ކޮށްލައިގެން ބޭރަށް ނިކުތެވެ.

ހުކުރުން ފައިބައިގެން ޒިއަން ގެއަށް އައީ އީމާންވެސް ގޮވައިގެންނެވެ. ގެއަށް ވަތްއިރު ގޭތެރޭގައި މާ މީހުން ގިނަހެން ހީވިއެވެ. ކާ ކޮޓަރިއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ މޭޒު ދޮށުގައި ތިބި މީހުން ފެނިފައެވެ. އީމާންއަށް ވެސް ވީ ހަމަ ޒިއަންއަށް ވީ ގޮތެވެ.

"އަވަހަށް އާދޭ ދެކުދިން.." ޒާހިދާ ގޮވައިލިއެވެ. ޒިއަން ވަކި ވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ޒިއަން އެންމެ ފޫހިވީ ހެވިދިލިފައި އިން މަންހާ ފެނުމުންނެވެ. ކައިރީގައި އިނީ އޭނާގެ ބައްޕަ އަލީ އެވެ. ޒިއަންމެން އައިސް އިށީނުމުން ޝާހިދު ވާހަކަ ދައްކަންފެށިއެވެ.

"މީ ހަމަ ވަރަށް ކުއްލި ބައްދަލުވުމެއް... މިހާރު ދެން ކައިވެނީގެ ކަންތައްތަކާ މި މަޝްވަރާ ކުރެވެނީ" ޝާހިދު ބުނެލިއެވެ. މަންހާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު އިންތިހާއަށް ފެންނަމުން ދިޔައެވެ. ޒިއަންގެ އިތުރުން އީމާންވެސް އިނީ ހައިރާންވެފައެވެ. ޒިއަން އެވަރު ކަމެއް ނުބުނެ ކުރަން އުޅޭތީ އޭނާ އިނީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. އަދި މަންހާގެ އެ އުފާވެރި މޫނު ފެނުމުން ހިތް އެކީ ކުދިކުދިވި ކަހަލައެވެ. ބާރަށް ހިތް ތެޅެނީއެވެ. މީހަކަށް އޭނާގެ ހިތުގެ އަޑު އިވިދާނެތީ އީމާން އިނީ ވަރަށް ބިރުންނެވެ.

"ދެ ކުދިން ގޮތެއް ނިންމާފަ ބުނޭ.. ތިކުދިންނަށް ރަގަޅު ދުވަހެއް" އަލީ ބުނެލިއެވެ. ދެ ބައްޕައިންނާއި މަންހާ ކަމުން ދިޔައީ ވަރަށް ފޯރީގައެވެ. ޒިއަންއާއި އީމާން އެންމެ އެތިކޮޅެއްވެސް ނުކާކަން އެމީހުން ތައްޓަށް ބަލައިލީމަ އިނގެއެވެ. އެކަން އެންމެ ކައިރިން ބަލަމުން ދިޔައީ ޒައިނާއެެވެ. ވެގެން އުޅޭ ގޮތް އެންމެ ރަގަޅަށް އިނގެނީ އޭނާއަށެވެ. ޒިއަންއަށް ކައިވެންޏާ ދެކޮޅަށް އެއްޗެއް ބުނަން ނުކެރިގެން އުޅެނީ ކީއްވެބާއޭ ޒައިނާގެ ހިތައް އަރަމުންދިޔައެވެ.

ކައިނިމިގެން ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަލީ ހިނގައްޖެއެވެ. ނަމަވެސް މަންހާ މަޑުކުރީއެވެ. އީމާން ކައިގެން މަޑުވެސްކޮށްނުލާ ދިޔައީއެވެ. ޒިއަން އިނީ ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައެވެ. މިހެން އިންދައި ސިއްސައިގެން ދިޔައީ މީހަކު ކައިރީ ހުރިހެން ހީވެގެންނެވެ. ޒިއަން އިސްއުފުލާ ބަލައިލިއިރު، ހުރިހާ ދަތެއް ދައްކައިގެން ކައިރީގައި ހުރީ މަންހާއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޒިއަން އެނބުރުނީ އަނެއް ފަރާތަށެވެ.

"އައިމް ސޯ ހެެޕީ ބޭބީ..." ކުއްލިއަކަށް މަންހާ އައިސް ޒިއަންގެ އަތުގައި އޮޅުލައިގަތެވެ. ދެވަނަ ސިކުންތުގައި މަންހާގެ އަތް ފޮޅުވައިލުމަށްފަހު ޒިއަން ދާން ހިނގައިގަތެވެ. ނަމަވެސް މަންހާ ޒިއަންގެ އަތުގައި ހިފައިލިއެވެ.

"އަދިވެސް ރުޅި އައިސްފަ ދޯ؟ ބަޓް އައި ނޯ ޔޫ ލަވް މީ" ޒިއަންގެ އަތައް ފިތައިލަމުން މަންހާ އަނެއްކާވެސް ބުނެލިއެވެ. ޒިއަން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންހާއާއި ކުރިމަތިލިއެވެ.

"އައި ޑޯންޓް ލަވް ޔޫ.. މަންހާ މޮޔަވީތަ؟ މަށެއް ނޫޅެމޭ މަންހާ އާ އިންނާކަށް..." ޒިއަންގެ އަޑު މަޑު ކަމުގައިވިޔަސް އެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

"ދެން ސަމާސާ ނުކޮށްބަލަ... ޒިއަން ބޭނުންވެގެން ނޫންތަ ކައިވެނި މި ކުރެވެނީ؟" މަންހާ މިހެން ބުނުމުން ޒިއަން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"އަހަރެންގެ ބައްޕަ އެހީ ދެން މެރީ ކުރަންވީނުހޭ ޒިއަންއާ... އަހަރެން ބުނީ އާ އެކޭ... ދެން ކީކޭ ބުނާނީ އަހަރެން ވަރަށް ބޭނުނުން ޒިއަންއާ މެރީ ކުރަން..." މަންހާ ޒިއަންގެ ގައިގައި ބައްދައިލިއެެވެ. ޒިއަން ހުރީ މަންހާ އުޅޭ ގޮތުން ވަރަށް އުނދަގޫވެފައެވެ.

"މަންހާ ކީއްވެ ނުބުނީ އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެންނެއް ނޫނޭ؟" މަންހާ ދުރުކޮށްލަމުން ޒިއަން އަހައިލިއެވެ.

"ޒިއަން ކީއްވެ ނުބުނީ؟ ޒިއަން ވެސް މެރީ ކުރަން ބޭނުންވާތީ ކަމަށް އަހަރެން ހީކުރީ... އޯކޭ ޒިއަން ކިތަންމެ ބޭނުން ނޫނަސް އަހަރެން ބޭނުން ކުރަން.... ޒިއަން ޕްލީޒް ނުބުނައްޗޭ އަހަރެމެން ރުޅިއޭ މީހަކު ކައިރީ ޕްލީޒް އައި ވޯންޓް ޔޫ..." މަންހާ ފެންކަޅިވިއެވެ. ޒިއަން އައި ރުޅިން އެތަނުން ނިކުމެގެން ދިޔައީއެވެ.

***

އެރޭގެ ވަގުތެވެ. ޒާހިދާ އިނީ އޭނާގެ ކޮޓަރީގައި ފަހާފޮށިން ހެދުމެއް ފަހާށެވެ. ޒާހިދާއަކީ އަބަދުވެސް ފެހުމަށް ވަރަށް ފޯރި ހުންނަ މީހެކެވެ. ގޭތެރޭގެ މަސައްކަތުން ވަގުތެއް ހަމަ ލިބޭއިރަށް ޒާހިދާ ދެން ވަގުތު ދެނީ ފެހުމަށެވެ. ޒާހިދާ ސިއްސައިގެން ދިޔައީ ޒިއަން ވަދެ ގޮވައިލުމުނެނެވެ. ޒިއަން އައިސް އިށީނީ އެނދުގައެވެ.

"ދަރިފުޅު ކަމެއް ބޭނުންވީތަ؟" ޒިއަންގެ މޫނަށް ބަލައިލަމުން ޒާހިދާ އަހައިލިއެވެ. ޒިއަން އިނީ އިސްޖަހައިގެންނެވެ. ޒިއަން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ޒާހިދާއަށް ހީވިއެވެ. އެހެންކަމުން ގޮނޑިން ތެދުވެގެން އައިސް ޒިއަން ކައިރީގައި އިށީނެވެ. އަދި ޒިއަންއަށް ގޮވައިލުމަށްފަހު ބުރަކަށީގައި ފިރުމައިލިއެވެ.

"މަންމާ އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" ޒިއަން އޭނާގެ މަންމަގެ ލޮލަށް ބަލައިލިއެވެ. ޒާހިދާ އަވަހަށް ބުނާށޭ ބުނެލިއެވެ.

"މަންމާ އަޅުގަނޑާ މަންހާއާ ރުޅިވިތާ ވަރަށް ދުވަސްވެއްޖެ... އަޅުގަނޑު ބޭނުމެއް ނޫން މަންހާ އާ މެރީ ކުރާކަށް..." ޒާހިދާގެ އަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ. ޒާހިދާ ފުރަތަމަ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އިރުކޮޅަކު ޒިއަންގެ މޫނަށް ބަލަން އިނުމަށްފަހު ޒާހިދާ ވާހަކަ ދައްކަން ފެށިއެވެ.

"ދެން ބައްޕަ ކައިރީގަ ކުރިން ނުބުނީ ކީއްވެތަ؟ ދަރިފުޅު އެދުވަހު އެކަހަލަ ވާހަކައެއް ނުދެއްކީމަ ބައްޕަވެސް މަންމަވެސް މިހީކުރީ ދަރިފުޅުވެސް ބޭނުންވެއޭ..." ޒާހިދާ ބުނެލިއެވެ. ޒިއަން ހިންދިރުވައިލިއެވެ.

"މަންމާ އަޅުގަނޑަކަށް މަންހާ އެއްވެސް ވަރަކަށް މިހާރު ކަމަކު ނުދޭ... މަންމަ ބުނެބަލަ ބައްޕަ ކައިރީގަ ޕްލީޒް" ޒިއަން މަންމަގެ އަތައް ދަމައިލިއެވެ.

"މަންމަ ބުނެފާނަން... އެކަމަކު ދަރިފުޅާ މިހާރު މަންހާގެ ބައްޕަ އާ ހިސާބަށް އެވާހަކަ ހިނގައްޖެ... ބައްޕަ ރުޅިވެސް އައިސްދާނެ" ޒާހިދާ ފުން ނޭވައެއް ލިއެވެ. އަދި ބައްޕަ މިހާރު ބޭނުންވަނީ ޒިއަން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ކަމަށް ޒާހިދާ ބުންޏެވެ.

"މަންމާ އަޅުގަނޑު ބޭނުމޭ މެރީ ކުރަން... އެކަމަކު މަންހާ އަކާ ނޫން" ވަރަށް ވިސްނާފައި އެންމެފަހުން ޒިއަން ބުނެލިއެވެ. ޒާހިދާ ކުޑަކޮށް ހައިރާންވިއެވެ. ޒިއަން މިހާރު އެހެން ކުއްޖަކާ ރައްޓެހިވީ ހެއްޔޭ ޒާހިދާ އަހައިލިގޮތުން ޒިއަންއަށް ހެވުނެވެ.

"މަންމާ ފުނަދޫ ކުއްޖެއް" ލަދުން އިނދެ ޒިއަން ބުނެލިއެވެ. ޒާހިދާ ނިތް އަރުވައިލުމަށްފަހު އިތުރަށް ކިޔައިދޭށޭ ބުނެލިއެވެ.

"ރާނީ... މަންމާ އަޅުގަނޑު ބޭނުމީ ރާނީއާ މެރީ ކުރަން ޕްލީޒް ބައްޕަ ކައިރީގަ ބުނެބަލަ" ޒިއަން އާދޭސް ކުރަން ފެށިއެވެ. އެންމެފަހުން ޒާހިދާ އެކަމާ އެއްބަސްވިއެވެ. ޒިއަން އުފަލުން މަންމަ ގައިގައި ބައްދައިލިއެވެ.

"މަންމަ ދައްކާނަން އެކަމަކު ބައްޕަ ނިންމާ ގޮތަކާ ދަރިފުޅު ޖެހޭނެ ގަބޫލުވާން... މަންމަ މަސައްކަތް ކޮށްދޭނަށް... މަންމަ ބޭނުމެއް ނުވޭ މަންމަގެ ހުރިހާ ކުދިންނާ ބައްޕަ ގުޅުން ކަނޑާލާކަށް..." ޒައިނާ މަތިން ހަނދާންވެފައި ޒާހިދާ ދެރަވިއެވެ. ޒިއަން އެގޮތާ އެއްބަސްވިއެވެ.

"ދައްކާލަބަލަ މަންމައަށް ފޮޓޯއެއް... ވަރަށް ލޯބި ކުއްޖެއްތަ؟" ޒާހިދާ އަހައިލިއެވެ. ޒިއަން ހީލުމަށްފަހު ބޯޖަހައިލިއެވެ. އަދި ފޯނު ނެގުމަށްގަހު ޒިއަންއާއި ރާނީ ނަގައިފައިވާ ފޮޓޯއެއް ދައްކައިލިއެވެ.

"މޫނެއް ނުވެސް ފެނެއެއްނު... ހާދަ ލޯބި އިސްތަށިގަނޑެކޭ ދޯ" ފޮޓޯ އަށް ބަލައިލަމުން ޒާހިދާ ބުނެލިއެވެ. ޒިއަން އެހެން ފޮޓޯއެއް ދައްކައިލިއެވެ. މިފަހަރު ދެއްކީ ރާނީގެ މޫނު އެކީ ފެންނަ ފޮޓޯއެކެވެ. ޒާހިދާ ކުޑަކޮށް ސިހޭގޮތްވިއެވެ.

"ދަރިފުޅާ މީ ކިހިނެއްވެފަ؟" ރާނީގެ މޫނު ފެނުމުން ޒާހިދާ ހައިރާންވީ ވަރުން އަހައިލެވުނެވެ.

"މަންމާ މީ ރާނީގެ މޫނު ހުންނަގޮތް" ޒިއަން ބުނެލިއެވެ. އޭނާ ވިސްނަމުން ދިޔައީ މަންމަ ދޭނެ ޖަވާބަކާ ދޭތެރޭގައެވެ. މަންމަ ވަރަށް ސުވާލު ކުރަން ފެށިއެވެ. އެހެންކަމުން ރާނީގެ މޫނަށް އެހެން ވީ ސަބަބު ޒިއަން ކިޔައިދިނެވެ. ޒާހިދާ އެއްވެސް ބަހެއް ނުކިޔައި އަޑުއަހަން އިނީއެވެ.

"މަންމާ ކޯންޗެއް ތި ވިސްނަނީ؟ މަންމައަށް ކަމުނުދަނީތަ؟" ޒިއަން އަނެއްކާވެސް ޒާހިދާގެ އަތުގައި ހިފައިލިއެވެ. ޒާހިދާ ބޯ ހޫރައިލުމަށްފަހު ޒިއަންގެ ނިތުގައި ބޮސްދިނެވެ. ވީ އުފަލުން ޒިއަން ޒާހިދާގެ ގައިގައި ބައްދައިލުމަށްފަހު ދާން ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް