ރާއްޖެ ދުށް އެންމެ ހުދުމުހުތާރު ވެރިޔަކީ ޔާމިން: ރައީސް ސޯލިހު

މި ރާއްޖެ ދުށް އެންމެ ހުދުމުހުތާރު ވެރިޔަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ...

31 Mar 2019 | 05:21

މި ރާއްޖެ ދުށް އެންމެ ހުދުމުހުތާރު ވެރިޔަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާގެ ކެމްޕެއިން ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޔާމިން އަނެއްކާވެސް މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ރާއްޖެ އަނދަވަޅަކަށް ވައްޓާލަން ކަމުގައެވެ. އަދި އެފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ޔާމީންގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީއާ އެކު ހިތު ހުރިހާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވި ކަމަށާއި، އަނެއްކާ ވެސް ޔާމީން އެ ފުރުސަތު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޔާމީންގެ ސަރުކާރުގައި، އެ ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން މުޅި މަޖިލީހުގެ ނިޒާމް ގަނޑުބަޑުކޮށްލައްވާފައިވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތި ހިތު ހުރި ގޮތަކަށް މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި މި ދިވެހި ގައުމު ދެކެފައި ވަނީ ދުވަހަކު ވެސް މި ދިވެހިރާއްޖެ ނުދެކޭހާ ހިތި ދުވަސްތަކެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ނުދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވަނީ ޕީޕީއެމް ޕީއެންސީން އިންތިހާބު ލަސްކުރަން އުޅޭކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އިންތިހާބު އޮންނާނީ ހަމަ އެޕްރިލް ހަ ވަނަ ދުވަހު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް