ފުލުހުންނާއިމެދު އާއްމު ރައްޔިތު މީހާ ދެކޭގޮތުގެ ކުޑަ މިސާލެއް !

މާފަންނު އިހުސާނު ފިހާރަ ހުޅުވާންދެން ދޮރު ދޮށުގައި މަޑުކޮށްލައިގެން ހުއްޓާ ދުމެއް ޖަހާފައި މީހަކު ދުވެފައި ހިނގައްޖެވެ. ހަމަ އެއާއެކު ތަންކޮޅެއް ދުރުން އަންހެނަކު "ވަގެކޭ" ގޮވާލި އަޑު އިވުނެވެ. މާލެ ...

31 Mar 2019 | 02:42

މާފަންނު އިހުސާނު ފިހާރަ ހުޅުވާންދެން ދޮރު ދޮށުގައި މަޑުކޮށްލައިގެން ހުއްޓާ ދުމެއް ޖަހާފައި މީހަކު ދުވެފައި ހިނގައްޖެވެ. ހަމަ އެއާއެކު ތަންކޮޅެއް ދުރުން އަންހެނަކު "ވަގެކޭ" ގޮވާލި އަޑު އިވުނެވެ. މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކު، އެކަން ރިޕޯޓް ކުރިތާ ގާތްގަނޑަކަށް މިނެޓަކާއި ތިރީސް ސިކުންތު ތެރޭގައި އެ ސަރަހައްދަށް އައެވެ. ފުލުހުންގެ ރެސްޕޯންސް ރޭޓު ގޯހެކޭ ދެންނެވޭކަށް ނެތެވެ.

"އެސޮރު އޮތީ ބެލްކަނީގައި އެލިގެން، މަ ފެނުނީމަ ފުންމާލައިގެން ދުވެފަ އެ ދިޔައީ، މަމީ އަންހެނެއް ކިހިނެއް އޭނަ (ވަގުކަލޭގެ) ހިފަހައްޓާނީ" މަންޒަރު ދުއް އަންހެން މީހާ ކިޔާދިނެވެ.

ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކު އެ އަންހެން މީހާއާއި ސުވާލު ކުރަމުން ދިޔައިރު އެ އަންހެން މީހާ އިނގިލި ދިއްކޮށްފައި ދެއްކި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ބެލްކަންޏާއި ދިމާލުން ހުރި ދޮރެއް މަތާލާފައި ހުރި ކަން ސާފުކޮށް ފެންނަން ހުއްޓެވެ. އެއީ އޮފީހެއް ކަމަށް އެ ތާނގައި ހުރި އެހެން މީހަކު ބުންޏެވެ.

އެއް ފުލުހަކު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާ ލޮކޭޝަންތައް ބަލަމުން ދަނިކޮށް، ސައިކަލުގައި ދިޔަ ފިރިހެނެއް ގާތު މަޑުކޮށްލަން، މަންޒަރު ދުއް އަންހެން މީހާ އެދުނެވެ.

"އޭ ތިމީހުން ކެމެރާ އަށް އަރާނެ ދޯ ވަގުކަލޭގެ" އެ އަންހެން މީހާ ބުންޏެވެ.

"ކެމެރާއަށް އެރިޔަސް ކީއްކުރާނީ" ސައިކަލުގައި އިން މީހާ ބުންޏެވެ.

"ހެލްމެޓުވެސް ނާޅާ މޫނުވެސް ނިވާ ނުކޮށޭ އެމީހާ ހުރީ" އަނެއްކާވެސް އެ އަންހެން މީހާ ބުންޏެވެ.

"ސާފުކޮށް ފެނުނަސް ކީއްހޭ ކުރާނީ، އެއް ކަމެއްވެސް ނުވާނެ، މި މީހުންނަކަށް" ސައިކަލުގައި އިންމީހާ އޭނާގެ ފަހު ބަސް އިއްވުމަށްފަހު އެތަނުން ނައްޓާލިއެވެ.

ކައިރީގައި ތިބި އެންމެންވެސް ދެން ދެއްކީ އެވާހަކައެވެ. ފުލުހުންނަށް ރިޕޯޓް ކުރިޔަސް، ކުށް ކުރާ ބަޔަކު ސީސީޓީވީ އަށް ރެކޯޑު ކުރެވުނަސް ވާ ހަމަ އެއްކަމެއްވެސް ނޯންނަ ވާހަކައެވެ.

"ސައިކަލުގަ ރޯކޮށްލިއިރުވެސް ހަމަ ދިމާލަށް ހުރި ފުލުހުންގެ ކެމެރާތައް، ވީ ހަމަ އެއްކަމެއް ހަރާން" އެތާނގައި ހުރި އެހެން މީހަކު ބުންޏެވެ. ފުލުހުންނާއި ކޯޓުތަކުން އިންސާފު ހޯދައިދޭނީ އަދި މައްސަލައެއް ބާރު ސްޕީޑްގައި ބެލިޔަސް ބަލާނީ ހަމަ އެކަނި ސިޔާސީ މީހުންނަށް ފަހިވާގޮތަށް ކަމަށް އެތަނުން އެހެން މީހަކު ބުންޏެވެ.

މިއީ އާއްމު ރައްޔިތު މީހާގެ ޝަކުވާއެވެ. ރައްޔިތު މީހާގެ ޝަކުވާ އަކީ ގައުމުގައި އިންތިހާއަށް ކުށް ކުރުން އިތުރުވެފައިވާކަމުގެ ޝަކުވާއެވެ. ރޯމާ ދުވާލު ގަޑީގައިވެސް ރައްކާތެރިކަން ނެތްކަމުގެ ޝަކުވާއެވެ. ކުށްވެރިން ކުށްވެރި ނުވެ، އަދަބު ނުދެވި މުޖްތަމައަށް ވީއްލި ގައުމު ބޮއްސުން ލާކަމުގެ ޝަކުވާއެވެ.

އާއްމު ރައްޔިތު މީހާގެ މިފަދަ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ހޯދައިދެވޭނީ ފުލުހުންނަށެވެ. އަދި ހަމަ އެހެންމެ ކޯޓުތަކަށެވެ. ފުލުހުންނާއި ކޯޓުތަކުގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލެމުން އަންއިރު އެ އިތުބާރު އިއާދަކުރެވޭނީ ސިޔާސީ މީހާގެ މަސްލަހަތު އޮންނަ މައްސަލަތައް ދާ ސްޕީޑްގައި އާއްމު ރައްޔިތު މީހާގެ މަސްލަހަތު އޮންނަ މައްސަލަތައްވެސް ކުރިއަށް ގެންދެވިގެންނެވެ. ކުށްވެރިންނަށް އަދަބު ދެވިގެންނެވެ. އަދި ހަމަ އެހެންމެ އެ ކުށްވެރިން އިސްލާހުވެސް ކުރެވިގެންނެވެ. އިސްލާހު ކުރާ ކުށްވެރިޔާއަށް މުޖްތަމައުގައި ފުރުސަތު ދިން ނަމަވެސް އެ ކުށްވެރިޔާ މޮނީޓާވެސް ކުރެވިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް