މިދިޔަ ފެބްރުއަރީ މަހާއި ވޭތުވެދިޔަ އަހަރު ދުފުމުގެ ބާވަތްތަކުގެ އަގު މައްޗަށް ދިޔައީ އޭގެ ތެރޭގައ ހިމެނޭ ރަސްލީ ސުޕާރީން ނަގަމުންދިޔަ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމުން ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެފި އެވެ.
އެ ބިއުރޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހާއި ވޭތުވެދިޔަ އަހަރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ދުފުމުގެ ބާވަތްތަކުންނެވެ. އެގޮތުން މިދިޔަ މަހު ދުފާތަކެތިން 9.15 ޕަސެންޓު އަގު ބޮޑުވެފައިވެ އެވެ.
އަގު އުފުލުނު މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ރަސްލީ ސުޕާރީން ނަގަމުންދިޔަ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން ކަމަށާއި މިދިޔަ ޖެނުއަރީ މަހާއި އަޅާ ބަލާއިރު ފެބްރުއަރީ މަހު ދުފާތަކެތީގެ އިންފްލޭޝަންގެ 38.12 ޕަސެންޓު ހިއްސާ ކުރަނީ ރަސްލީ ސުޕާރީ ކަމަށެވެ. އަދި މި ވޭތުވެދިޔަ އަހަރު ދުފުމުގެ ބައިން 33 ޕަސެންޓު އުފުލިފައިވާ ކަމަށެވެ.
މިދިޔަ މަހު އަގު އުފުލުނު ތަކެތީގެ ތެރޭގައި ދުފުމުގެ ބާވަތްތަކުގެ އިތުރުން މަހާއި، މޭވާގެ ބާވްތަތަކާއި، ގޭ ކުލި އަދި ހޮޓާ ރެސްޓޯރަންޓުން ދޭ ހިދުމަތްތަކާއި ގޭތެރޭ ބޭނުން ކުރާ ހަރު މުދާ ހިމެނެ އެވެ. މަހުގެ ބާވަތްތަކުން 4.23 ޕަސެންޓު އަގު އުފުލިފައިވާއިރު މޭވާގެ ބާވަތްތަކުން އަގު އުފުލިފައިވަނީ 6.09 ޕަސެންޓެވެ. އަދި ގެދޮރުގެ ކުލިން ބޮޑުވެފައިވަނީ 0.33 ޕަސެންޓެވެ.
މިދިޔަ މަހު އަގު ހެޔޮވި ތަކެތީގެ ތެރޭގައި ފޮތީގެ ބާވްތަތަކާއި އަންނައުނާއި، ތަރުކާރީ ހިމެނެ އެވެ. އަދި ކަރަންޓާއި ގެދޮރު އިމާރާތް ކުރާ ސާމާނު ހިމެނެ އެވެ.
މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓަށް ބަލާއިރު މިދިޔަ މަހު 1.09 ޕަސެންޓު މަތިވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް އިންފްލޭޝަން ރޭޓް 1.02 ޕަސެންޓު މަތިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް