ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކުރި ގަވައިދަށް އަނެއްކާވެސް ބަދަލެއް ގެނެސްފި އެވެ.
އެ ގަވައިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް ހެދި ގަވައިދަށް ބަދަލު ގެނެސް މުދާ އުފުލޭ ގަޑި ހަވީރު 6:00 ން ހެނދުނު 6:00 އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ އޮތޯރިޓީން ބުނީ މި ބަދަލު ގެނައީ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ވެރިންނާއި މަޝްވަރާކޮށް އެބޭފުޅުންގެ ހިޔާލާއި އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ.
ކުރިން އެ އޮތޯރިޓީން ހަމަޖައްސާފައިވަނީ މުދާ އުފުލޭ ގަޑިއަކީ މެންދަމު 1:00 ން ހެނދުނު 6:00 އަށް ކަމަށެވެ. އެ ގަވައިދަށް އަމަލު ކުރަން ފަށާ ތާރީހުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން ވަނީ މާދަމާއަށް އަމަލު ކުރަން ފަށާ ދުވަސްވެސް ބަދަލުކޮށްފައި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައި ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރާ ގަޑިއަށް ބަދަލެއް ނުގެންނަ ކަމަށެވެ. މުދާގެ ގޮތުގައި ރޭގަނޑު އެކަނި އުފުލޭ މުދަލުގެ ބާވަތްތަކަކީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫން ވެސް އެފަދަ އެންމެހައި ތަކެއްޗެވެ،
ޓްރާންސްޕޯޓު އޮތޯރިޓީން ގަވައިދެއް އެކުލަވާލާ އާންމު ކުރި އިރު އޭގެ ކުރިން ވިޔަފާރިވެރިންނާއި މަޝްވަރާ ކޮށްފަ އެއް ނުވެ އެވެ. ގަވައިދު އާންމު ކުރުމަށް ފަހު އެ އޮތޯރިޓީން ބުނީ ގަވައިދާ ބެހޭ ގޮތުން ވިޔަފާރިވެރިންނާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ޝަކުވާ އާއި އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް