އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމަށްވާ ސަންގު ޓީވީ 100.000 ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ފައިސާ ހޯދުމަށް "ފައިސާ ޖާޑީ" ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވައިފި އެވެ.
ސަންގު ޓީވީ ޖޫރިމަނާ ކުރީ ދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އެ ސްޓޭޝަނުން ލައިވް ކުރަމުން ދިޔަ އިވެންޓެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރުމުންނެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ސްޓޭޝަން ޖޫރިމަނާ ކުރީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
ސަންގު ޓީވީން ބުނީ އެ ފައިސާ ހޯދުމަށް ހުޅުވި ފައިސާ ޖާޑީ މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާނެ ކަމަށެވެ. އަދި މާދަމާ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ އާބާދީ ބޮޑެތި ރަށްތަކަށް ގެންދާނެ ކަމަށެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ އެ ޓީވީ ޖޫރިމަނާ ކުރީ ބްރޯޑްކާސްޓަރުން މެދުވެރިކޮށް ބްރޯޑްކޮމްއިން ދައުލަތަށް އާމްދަނީ ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި ބްރޯޑްކާސްޓަރުންނަކީ ދަައުލަތަށް އާމްދަނީ ހޯދައިދޭ ބަޔަކަށް ހަދަމުންދާތީ ހިތާ ކުރައްވާ ކަމަށެވެ.
ޖޫރިމަނާ ފައިސާ ދައްކަން ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ލައިވްކޮށް އެކަމަށް މައާފަށް އެދުމަށްވެސް އަންގާފައިވެ އެވެ.
ރައީސް ޔާމީންގެ އަބުރު ފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ ލައިވްކޮށް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މީގެ ކުރިން ވީމީޑިއާ ހަތަރު ލައްކަ ރުފިޔާ، އަދި ރާއްޖެ ޓީވީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ. މި ތިން ސްޓޭޝަނުންވެސް ޖޫރިމަނާ ފައިސާ ހޯދުމަށް ފަންޑު ފޮށި ހުޅުވި އިރު އެންމެ ފުރަތަމަ ފައިސާ ހަދިޔާ ކުރައްވަނީ މެންބަރު މުސްތަފާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް