ބޮލީވުޑްގައި އިއްޔެ ރިލީޒް ކުރި "ބާގި 2" އަށް ފުރަތަމަ ދުވަހުން ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
އެ ފިލްމު ފުރަތަމަ ދުވަހުން ހޯދި ކާމިޔާބީ އާއި ގުޅޭގޮތުން ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ފިލްމު ވަނީ މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ބޮޑު އާމްދަނީ ހޯދި ދެވަނަ ފިލްމަށްވެފަ އެވެ. ފުރަތަމަ ފިލްމުގެ ލަގަބު އަދިވެސް ހިފަހައްޓަމުން އަންނަނީ "ޕަދްމާވަތް" އެވެ. "ބާގި 2" ރިލީޒް ކުރުމުގެ ކުރިން ދެވަނަ ލަގަބު އޮތީ "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަށެވެ.
"ބާގި 2" ފުރަތަމަ ދުވަހު އިންޑިއާގެ 3،400 ސިނަމާއެއްގައި ރިލީޒް ކުރި އިރު ގާތްގަނޑަކަށް 50 ޕަސެންޓު ސިނަމާތަކުގައި ދެއްކީ ހައުސްފުލް ޝޯތަކެވެ. އަދި ފުރަތަމަ ދުވަހުން އެ ފިލްމު ވަނީ 2.11 ކްރޯޑު ރުޕީސް ގެ އާމްދަނީއެއް ހޯދާފައި އެވެ. އެއީ މިފަހަކުން ރިލީޒް ކުރި ކާމިޔާބު ފިލްމުތައް ކަމަށްވާ "ޖޯލީ އެލްއެލްބީ 2" އާއި އަޅާ ބަލާއިރު 65 ޕަސެންޓުގެ ކުރި އެރުމެކެވެ. އަދި "ޖުޑްވާ 2" އާއި އަޅާ ބަލާއިރު 25 ޕަސެންޓުގެ ކުރި އެރުމެކެވެ.
މިދިޔަ މަހާއި މިމަހު ރިލީޒް ކުރި މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރުގެ "ޕެޑްމޭން" އަޖޭ ދޭވްގަންގެ "ރެއިޑް" ފަދަ ފިލްމުތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔަނަމަވެސް މި ފިލްމާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަށް ލިބުނު ވަރުގެ ކާމިޔާބެއް ފުރަތަމަ ދުވަހުން ނުލިބެ އެވެ.
"ބާގި 2" އަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން އެ ފިލްމުގެ ތިން ވަނަ ބައި އުފައްދަން ވަނީ ނިންމާފައި އެވެ. "ބާގި" ގެ ފުރަތަމަ ބައި ރިލީޒް ކުރީ 2016 ވަނަ އަހަރު އެވެ.
މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަހުމަދު ހާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް