އަވިން ކަރަންޓު އުފެއްދުމަށް މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަޝްރޫއަކީ ވޯލްޑް ބޭންކާއި އެންވަޔަރަމެންޓު މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މިއީ އެކްސެލެރޭޓިން ރިނިއުބަލް އެނާޖީ އިންޓްގޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ ޕްރޮޖެކްޓުގެ ދަށުން ކުރިޔަށް ގެންދަން ނިންމާފައިވާ ފުރަތަމަ ޕްރޮޖެކްޓެވެ.
މި ޕްރޮޖެކްޓު ރާއްޖޭގެ އާބާދީ ބޮޑު ހަ ރަށެއްގައި ކުރިޔަށް ގެންދާނެ އެވެ. އެއީ އައްޑޫ ސިޓީގައި ހިމެނޭ ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫގެ އިތުރުން ކުޅުދުއްފުށީ ސިޓީ، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރެވެ.
މި ޕްރޮޖެކްޓު ނިމޭއިރު މި ހަ ރަށުގައި ދުވާލުގަޑީގައި އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ އަދަދުގެ70 ޕަސެންޓަކީ އަވިން އުފައްދާ ކަރަންޓަށް ވާނެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން އެ ރަށްރަށުގައި މިހާރު21 މެގަވޯޓުގެ ސޯލާ ޕީވީ ސިސްޓަމްތަކެއް ގާއިމް ކުރުމަށް ވަނީ ފަށާފައި އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި މަޝްރޫއު ނިމި މި ހަރަށުގައި ބޭނުން ކުރަން ފެށުމުން ދައުލަތުން ކަރަންޓަށް ކުރަމުންދާ ހަރަދުގެ ތެރެއިން70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެޔޮ ބޭނުން ކުރަން ޖެހޭވަރު މަދުވެ ކަރަންޓު އުފައްދަން ކުރަން ޖެހޭ ހަރަދު ކުޑަވުމާއި، ތެލުގެ އަގަށް އަންނަ ބަދަލަކުން ކަރަންޓު އުފައްދާ އަގަށް އަންނަ ކުއްލި ބަދަލުތައް ކުޑަކުރެވިގެންދާނެ އެވެ. އަދި ދައުލަތުން ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭވަރު ކުޑަވެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހެން ބޭނުންތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި އިތުރު ވާނެ ކަމަށެވެ.
މި ފަދަ މަޝްރޫއެއް މިހާރު ހުޅުމާލޭގައި އެބަ ހުއްޓެވެ. އެއީ ހުޅުމާލޭ1000 ހައުސިން ޔުނިޓުގަ ބަހައްޓާފައި ހުރި 1.5 މެގަވޮޓު ސޯލަ ޕީވީ ނިޒާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް