ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 277 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނުވަތަ އަހަރުގެ ފަހުތިންމަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 277 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ. ބީއެމްއެލް އިން އާންމުކޮށްފައިވާ މާލީ ތަފާސ...

31 Jan 2019 | 15:27

މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނުވަތަ އަހަރުގެ ފަހުތިންމަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 277 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ތިން ޕަސެންޓު އިތުރުވެފައެވެ. އެގޮތުން ތިން ވަނަ ކުއާޓަރުގައި ބޭންކަށް ލިބިފައިވަނީ 269 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

ގައުމީ ބޭންކުން ބުނީ އަލަށް ބޭނުންކުރަން ފަށާފައިވާ 'އެކައުންޓިންގ ސްޓޭންޑާރޑް އައިއެފްއާރުއެސް 9' ގެ ދަށުން ލޯން ޕްރޮވިޜަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރު ކޮށްފައިވީނަމަ ވެސް ލޯނު ދޫކުރެވުނު ވަރު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމް 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ އިރުވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދިފައިވާ ކަމަށް ވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބޭންކުން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރުވެސް ލިބުނީ ބޭންކުގެ އެކި ބްރާންޗުތަކުގައި މަސައްކަތްކުރަމުންދާ ހީވާގި މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ. މިދިޔަ އަހަރު ބޭންކުން ވަނީ މާލީ ގޮތުން ކާމިޔާބު ހޯދައި، ވިޔަފާރި އިތުރަށް ފުޅާކޮށްފައިކަމަށާއި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމާއި ބޭންކިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށް މިދިޔަ އަހަރުވެސް މަސައްކަތް ކުރެވުނު ކަމަށް އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބީއެމްއެލް އިން ހާމަކޮށްފައި ނުވި ނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާ އަކަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭންކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް