އޭޕްރީލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި 36 ދާއިރާއަކަށް ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
ރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން 36 ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފައިވާއިރު، ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ކައުންސިލުން ޖޭޕީގެ ލީޑަރަށް ދީފައިވާ ކަމުގައެވެ.
އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި 97 މީހުންގެ ތެރެއިން ގާސިމް ވަނީ މިހާރު މެންބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވައިފަ އެވެ. އޭގެ އިތުރުން ދެން ޓިކެޓް ދީފައި ވަނީ ޖޭޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވޭ ދާއިރާތަކަށެވެ.
ޖެޕީ އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އަދިވެސް އިތުރުވެދާނެ ކަމަށް ޖޭޕީ އިން ރޭ ވިދާޅުވިއެވެ.
ގާސިމް ރޭ ވެސް ވިދާޅުވީ މަޖިލިސް އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބުމަކީ ނުރައްކަލެއް ކަމަށާއި ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީއަށް މަޖިލިސް އަޣުލަބިއްޔަތު ކޮންމެހެން ބޭނުން ވެސް ނުވާ ކަމަށެވެ.
ޖޭޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާނެ ބޭފުޅުން މިކަނޑައެޅީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް މަޝްވަރާކޮށްގެން ދާއިރާތަކަށް ވާދަކުރުމަށް އެޕާޓީ އިން ވަރަށް ބޮޑަށް މަސައްކަތް ކުރުމަށް ފަހު އެކަމުގައި އަލިމަގެއް ނުފެނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް