ގަދަފަދަ ޔުވެންޓަސް ބޮޑު ބައްޔަކާއެކު އިޓާލިއަން ކަޕުން ކަޓައިފި

އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 3-0 އިން އެޓަލަންޓާ އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. މިއާއެކު ޖެހިޖެހިގެން 5 ވަނަ އަހަރު އަމިއްލަ ގައުމުގެ ބޮޑު ދެ މުބާރ...

31 Jan 2019 | 03:51

އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 3-0 އިން އެޓަލަންޓާ އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ. މިއާއެކު ޖެހިޖެހިގެން 5 ވަނަ އަހަރު އަމިއްލަ ގައުމުގެ ބޮޑު ދެ މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ހޯދުމަށް އެ ޓީމުން ކުރަމުން އައި އުންމީދަށް ނިމުމެއް އައީއެވެ.

ސީޒަންގެ މިހާތަނަށް އެންމެ މެޗަކުން ވެސް ބަލިނުވެ އޮތް ޔުވެންޓަސްއަށް ފުރަތަމަ ބަލިން ބޮޑު ހިތްދަތިކަމެއް ލިބުނުއިރު، ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ގެ އަމަލުތަކާމެދު ހިތްހަމަ ނުޖެހިގެން ރެފްރީ ވަނީ އޭނާ ޔުވެންޓަސް ގެ ބެންޗުން ވެސް ފޮނުވާލާފައެވެ.

ރޭގެ މެޗުގެ ކުރިން ޔުވެންޓަސް އިން ލީގުގައި 2-1 އިން ލަޒިއޯ ބަލިކޮށް، ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ވެސް ނެގިއެވެ. އެހެނަސް، އެ މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

ރޭ އެޓްލެޓީ އަޒޫރީ ޑި އިޓާލިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމާ ދެކޮޅަށް ކުޅުނު އެޓަލަންޓާ އަކީ މި ސީޒަންގައި، އިޓާލިއަން ލީގުގައި ވެސް ލަނޑު ޖެހުމުގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމެވެ. އެ ޓީމުން ވަނީ މިހާތަނަށް އިޓާލިއަން ލީގުގައި 47 ލަނޑު ޖަހާފައެވެ.

އެޓަލަންޓާ އިން ރޭގެ މެޗު ވަރުގަދަކޮށް ފެށިއިރު، އެ ޓީމަށް މެޗުގެ 37 ވަނަ މިނިޓުގައި ގޯލު ހުޅުވާލަދިނީ ކަސްޓަނޭ އެވެ. އޭގެ އެންމެ 2 މިނިޓު ފަހުން ޒަޕާޓާ ވަނީ އެޓަލަންޓާގެ ލީޑު ފުޅާކޮށްދީފައެވެ.

ޔުވެންޓަސްއަށް އެޓަލަންޓާއަށް ރައްދެއް ނުދެވުނުއިރު، އެޓަލަންޓާ އިން ވަނީ މެޗުގެ ފަހުކޮޅު ޒަޕާޓާ ޖަހައިދިން އިތުރު ލަނޑަކާއެކު މެޗުން މޮޅު ކަށަވަރު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް