ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ކުލަބެއް ކަމުގައިވާ "ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް" އާއި ގުޅިގެން ލ ފޮނަދޫގެ ޖަމިއްޔާއެއް ކަމުގައިވާ "ފޮނަދޫ ޔޫތު އެސޯސިއޭޝަން (ފިޔަ)" އން ފޮނަދޫގައި ފުޓްބޯޅަ އެކެޑަމީއެއް ހިންގަން ނިންމައިފި އެވެ.
ފިޔަ ޖަމިއްޔާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެކެޑަމީ މަގުސަދަކީ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ ފުޓްބޯޅައިގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.
މި އެކެޑަމީގައި ބައިވެރިވެވޭނީ އުމުރުން ފަސް އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް ކަމުގައި އިއުލާނުގައި ބަޔާން ކޮށްފައިވެ އެވެ. އެކެޑަމީގައި ބައިވެރިވާ ކުދިންނަށް ފުޓްބޯޅަ ޓްރެއިންގް ތަކުގައި ބޭނުންކުރާ ކިޓް ލިބޭނެ ކަމަށާއި އެ ކިޓްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ލޯގޯ ޖަހާފައިވާ ޖޯޒީ، ސޯޓު، ޓްރެއިނިންގް ބިބްސް އަދި އިސްޓާކީނު ހިމެނޭނެ ކަމަށް ބުނެފައި ވެ އެވެ.
ފިޔަ ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި އެކެޑަމީން ކޮންމެ މަހަކު 200 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ފުރަތަމަ މަހުގައި އެޑްމިޝަން ފީއެއްގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 350 ރުފިޔާގެ ފީއެއް ނެގޭނެ ކަމުގައިވެސް އެ ޖަމިއްޔާގެ އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެކެޑަމީއަށް ވަނުމަށް ފުރަންޖެހޭ "އެޕްލިކޭޝަން ފޯމު" މިހާރު ލިބެން ހުންނާނެ ކަމަށާއި ފޯމު ލިބެން ހުންނާނީ ފޮނަދޫ ޔޫތު އެސޯސިއޭޝަންގެ މައި އިދާރާ ކަމުގައިވާ ލ.ފޮނަދޫ ހުދުވެލިން ކަމަށެވެ. އަދި މިކަމުގެ އިތުރު މައުލޫމާތު ސާފު ކުރުމަށް 7887784 އަދި 9539057 އަށް ގުޅުމުންވެސް މި އެކަޑެމީއާއި ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމުގައި ފިޔަ ޖަމިއްޔާގެ އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް