ރައީސުލްޖުމްހޫރިއްޔާ ތައިލެންޑްގައި ދިވެހި އެމްބަސީއެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ މިއަދު ތައިލެންޑްގައި ދިވެހި އެމްބަސީއެއް އުފައްދަވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއް...

31 Jan 2018 | 09:17

ރައީސުލްޖުމްހޫރިއްޔާ މިއަދު ތައިލެންޑްގައި ދިވެހި އެމްބަސީއެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި 2018 ޖަނަވަރީ 30 ވަނަ ދުވަހު އެމްބަސީއެއް އުފައްދަވައި، އެ ތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްކަމަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

"ދިވެހިރާއްޖޭގެ އެމްބަސީއެއް ތައިލެންޑުގައި ޤާއިމުކުރެއްވީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ތައިލެންޑާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު އެކުވެރިކަން ބަދަހިކުރުމުގެ ބޭނުމުގައިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުން ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ   470 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

އެ އެމްބަސީގައި ކުރާނެ ކަންކަންވެސް ރައީސް އޮފީހުން ހާމަކުރައްވާފައި ވެ އެވެ.

އެގޮތުން

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރާއެކު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ތައިލެންޑާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.
  2. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާރިޖީ ދާއިރާއިން ކުރަންޖެހޭ ކަންކަން، ތައިލެންޑް ސަރުކާރާއި، ތައިލެންޑުގެ އަމިއްލަ ފަރާތްތަކާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މަޝްވަރާގެ މަތިން ކުރުން.
  3. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގާގޮތެއްގެ މަތިން، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާ އެއްގޮތަށް ތައިލެންޑުގައި ހުންނަ އ.ދ.ގެ އޮފީސްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
  4. ތައިލެންޑުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި ތައިލެންޑުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ އިންވެސްޓަރުންނަށްދީ، ރާއްޖޭގެ އިންވެސްޓަރުންނަށް ތައިލެންޑުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި މަސައްކަތްތައް ކުރުން.
  5. ތައިލެންޑް ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ތައިލެންޑުގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުންތައް ދެމެހެއްޓުން.
  6. ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އެކިއެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
  7. ތައިލެންޑުގައި ދިވެހި ދައުލަތް ތަމްސީލުކުރާ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފްލާތަކާއި އިޤްތިޞާދީ/ވިޔަފާރީގެ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެ ފުރުޞަތުތައް ބޭނުންކުރުން.
  8. ތައިލެންޑު ސަރުކާރުންނާއި ރާއްޖެ ބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ތައިލެންޑުގައި ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެއްވާ އިރުޝާދުގެދަށުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ތައިލެންޑުން ހޯދުމަށް އިސްނަގައިގެން މަސައްކަތްކުރުމާއި، ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ކުރުން.

10.ތައިލެންޑު ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެ ދަށުން ތައިލެންޑުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށް ދިނުމުގައި އެހީތެރިވެދިނުން.

11.ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ތައިލެންޑުން ހޯދުމަށް މަސައްކަތް ކުރުން.

12.ތައިލެންޑުގައި ހާލުގައި ޖެހިގެން އެހީއަށް އެދޭ ދިވެހިންގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

13.ތައިލެންޑުގައި އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިޔުމަންޓު ދޫކުރުން.

14.މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ތައިލެންޑަށް އެތެރެވިތޯ ނުވަތަ ނޫންތޯ ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.

15.ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގަންނަވާ، ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޕްރޮޓްކޯލް ޚިދުމަތް ފޯރުކޮށްދިނުން.

16.ދިވެހިރާއްޖޭގެ މިނިވަންދުވަސް ތައިލެންޑުގައި ފާހަގަކުރުން.

17.އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، އެ ތަކެތި ބެލެހެއްޓުން.

18.ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެކަމަށް ފެންނަ އެމްބަސީގެ ލިޔުންތަކާއި ތަކެތި އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.

19.ސަރުކާރުގެ ފަރާތްތަކުން ތައިލެންޑުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.

20.ތައިލެންޑުގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި، އެނޫންވެސް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ލަސްނުކޮށް މިނިސްޓްރީއަށް ފޮނުވުން.

21.މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

މިކަންކަމަކީ ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ކުރިއަށްގެންދާނެ މަސައްކަތްތައް ކަމުގައި ރައީސް އޮފީހުން ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް